އަންނަ މަހު ބާއްވަން ނިންމާފައިވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ކޮންގްރެސް އޮންނާނީ އަންނަ މަހުގެ 23ން 25 އަށް ކަމަށް ޑީއާރުޕީން ބުނެފި އެވެ.

ޑީއާރުޕީގެ ކޮންގްރެސް ބާއްވާން ކުރިން ނިންމާފައި ވަނީ މި މަހުގެ ފަހު ހަފްތާގަ އެވެ. ނަމަވެސް ކޮންގްރެސް ފަސްކުރީ ދަރުބާރުގެ ނުލިބުމުން ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ޑީއާރުޕީގެ ތަރުޖަމާނު ޒީނާ ޒާހިރު ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މި މަހުގެ ފަހު ހަފްތާގައި ބޭއްވުމަށް އެ ޕާޓީކައުންސިލުން ނިންމާފައިވާ ކޮންގްރެސް އަންނަ މަހަށް ފަސްކުރުމަށް ފަހު ބާއްވާނެ ތާރީހް ކަނޑައަޅާ ނިމިފައިވާ ކަމަށެވެ.

އަދި ވިދާޅުވީ އަންނަ މަހުގެ 23 ން 25 ދަރުބާރުގެ ހޯލް އެ ދުވަސްތަކަށް ލިބޭނެކަމުގެ ޔަގީންކަން މާލެ ސިޓީ ކައުންސިލުން ލިޔުމަކުން ދީފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޑީއާރުޕީގެ ކޮންގެރެސް ބޭއްވުމަށް ނިންމުމަށް ފަހު ވަކި ތާރީހެއް ނެތް ގޮތަށް ވަނީ ފަސްކޮށްފަ އެވެ. އަދި އޭގެ ފަހުގައި އަންނަ މަހު ކޮންގްރެސް ބޭއްވުމަށް ނިންމާފައި މި ވަނީ މި މަހުގެ ފަހު ހަފްތާގައި ކޮންގްރެސް ބާއްވަން ކަނޑައަޅާފައި އޮތުމަށް ފަހު އެވެ.

"އަންނަ މަހު [ކޮންގްރެސް] ބޭއްވޭނެ. މާލެ ސިޓީ ކައުންސިލުން ވަނީ ދަރުބާރުގެ އެ ދުވަހަށް ލިބޭނެ ކަން ސިޓީއަކުން އަންގާފައި،" ޒީނާ ވިދާޅުވި އެވެ.

ޑީއާރުޕީގެ ކޮންގްރެސްގައި އެ ޕާޓީގައި ހުސްވެފައިވާ ތިން ޑެޕިއުޓީ ލީޑަރުންގެ މަގާމަށާއި ކައުންސިލް މެންބަރު މަގާމަށް މެންބަރުން އިންތިހާބު ކުރާނެ އެވެ. އަދި ޒުވާނުން ގޮފީގެ ރައީސް ކަމުގެ މަގާމަށާއި އަންހެނުން ގޮފީގެ މަގާމުތަކަށް ވެސް މެންބަރުން އިންތިހާބު ކުރުން އެ ކޮންގްރެސްގެ ތެރޭގައި އޮންނާނެ ކަމަށް ޑީއާރުޕީން ވަނީ ބުނެފަ އެވެ.

އެކި ރަށްތަކުގެ މަންދޫބުން ބައިވެރިވާ ކޮންގްރެސްގައި 900 އާއި 1000 ދެމެދުގެ އަދަދަކަށް މެންބަރުން ބައިވެރިވާނެ ކަމަށް ޑީއާރުޕީން ވަނީ ލަފާކޮށްފަ އެވެ.