27 Mar 2013, 12:24
ބްރެޒިލް 2014 އަށް ކޮލިފައިވުމުގެ ގޮތުން ދެކުނު އެމެރިކާގެ ސަރަހައްދުގައި ބޮލީވިއާ އާއި އާޖެންޓީނާ ރޭ ބައްދަލުކުރި މެޗު އެކެއް އެކަކުން އެއްވަރު ވެއްޖެ އެވެ.
ރޭގެ މެޗުގައި ފުރަތަމަ ލީޑުނެގީ ބޮލީވިއާ ޓީމުންނެވެ. 25 ވަނަ މިނިޓުގައި މާސެލޯ މާޓީންސް ބޮލުން ފޮނުވާލި ބޯޅަ އާޖެންޓީނާގެ ގޯލަށް ވަދެގެން ރަށު ޓީމުން ކުރި ހޯދާފައި ވަނިކޮށް މެޗުގެ 43 ވަނަ މިނިޓުގައި އާޖެންޓީނާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ލަޔަނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން އެވާ ބަނޭގާ އެވެ.
ބޮލީވިޔާއާ ދެކޮޅަށް އުނދަގޫ މެޗެއްކުޅެ ލިބުނު އެއް ޕޮއިންޓާއެކު އާޖެންޓީނާ އޮތީ ކުޅުނު އެގާރަ މެޗުން 24 ޕޮއިންޓު ހޯދައިގެން އެ ސަރަހައްދުގެ ގައުމުތައް ހިމެނޭ ތާވަލްގެ އެއްވަނައިގައެވެ. ރޭ ޕެރަގުއޭއާ ދެކޮޅަށް ކުޅެ ހަތަރެއް އެކަކުން މޮޅުވެ 20 ޕޮއިންޓާއެކު އީކުއޭޑޯ ދެވަނައިގައި އޮތްއިރު، ވެނެޒުއޭލާ ކައިރިން އެކެއް ސުމަކުން ބަލިވެ 19 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ކޮލަމްބިޔާ އެވެ. އަދި އުރުގުއޭއާ ވާދަކޮށް ދޭއް ސުމަކުން މޮޅުވެ 15 ޕޮއިންޓާއެކު ޗިލީ ހަތަރުވަނައިގައި އޮތް އިރު ނުވަ ޕޮއިންޓާ އެކު ފަހަތުން ދެވަނައިގައި އޮތީ ބޮލީވިއާއެވެ.
ސައުތު އެމެރިކާ ސަރަހައްދުން ކޮލިފަން މެޗުތައް ކުޅެ ނިމޭއިރު އެންމެ ގިނަ ޕޮއިންޓު ހޯދާ ހަތަރު ޓީމަކަށް ބްރެޒިލް 2014 އަށް ކޮލިފައިވާ އިރު ފަސްވަނައަށް ދާ ޓީމެއް ޖެހޭނީ ޕްލޭ އޮފް ކުޅޭށެވެ. އަދި މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ބްރެޒިލަށް ވަނީ މުބާރާތުން އޮޓޮމެޓިކް ޖާގައެއް ލިބިފައެވެ.