27 Mar 2013, 12:17
މަލީޝާ ހައްޖު އެންޑް އުމްރާ ގުރޫޕުން މިދިޔަ އަހަރު މީހުން ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ ބަޔެއްގެ އަތުން ނަގާފައިވާ ފައިސާގެ ބަދަލު ދޭނެ ފައިސާއެއް ނެތް ކަމަށް އިސްލާމިކް އެފެއާޒުން ބުނެފި އެވެ.
ގިނަ ބަޔަކު ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ އެމީހުންނަށް އޮޅުވާލައިގެން މަލީޝާ ހައްޖު ޖަމާއަތުން ނެގި ފައިސާގެ ޖުމްލަ 11.9 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
އިސްލާމިކް އެފެއާޒުގެ ޕާމެނެންޓް ސެކްރެޓަރީ މުހައްމަދު ދީދީ "ސަން"އަށް މިއަދު ވިދާޅުވީ އެމީހުންނަށް ދޭނެ ފައިސާ ލިބޭތޯ މިނިސްޓްރީން އެކި ގޮތްގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އަދި އަމިއްލަ ހައިސިއްޔަތުން ވެސް ގިނަ މަސައްކަތްތަކެއް މިހާތަނަށް ވެސް ކޮށްފައިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ތެރެއިން ވެސް އެމީހުންނަށް ދޭނެ ފައިސާ ހަމަޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި ނަމަވެސް އަދި މިހާ ހިސާބަށް އެކަމަށް އަލިމަގެއް ފެނިފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެން މިނިސްޓްރީން ހުއްޓާ ވެސް ނުލާ އެބަ މަސައްކަތް ކުރަން. އަމިއްލަ ގޮތުންވެސް، ސަރުކާރުގެ ތެރެއިން ވެސް ވަރަށް މަސައްކަތް ކޮށްފި. ނަމަވެސް އަދި މިހާތަނަށް އެއްވެސް ތަނަކުން ފައިސާ ލިބޭނެ ގޮތެއް ހަމައެއް ނުޖެހޭ. މިނިސްޓަރު އެބަ ވަރަށް މަސައްކަތް ކުރައްވާ. އެކަކު ހައްޖަށް ފޮނުވާ ލާރިއެއް ނޫން މި ބޭނުންވެގެން އުޅެނީކީ. ސަތޭކަ ސައްބީސް މީހުން ވަރު އެބައުޅޭ ހައްޖަށް ފޮނުވަން ޖެހޭ. އެހެންވީމާ ފައިސާއެއް ނެތް،" ދީދީ ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓަރު ޝޭހު މުހަންމަދު ޝަހީމް އަލީ ސައީދު މިދިޔަ އަހަރު ވިދާޅުވެފައި ވަނީ އެމީހުން މަގުމަތިވިޔަ ނުދީ ހައްޖުގެ ފުރުސަތު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެމީހުން ހައްޖަށް ފޮނުވުމުގައި ސަރުކާރުން އަމަލު ކުރައްވާނެ ގޮތެއް ފަހުން އިއުލާން ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ދީދީ ވިދާޅުވީ އެމީހުން ހައްޖަށް ދާނެ ފައިސާ މިނިސްޓްރީން ދެވޭގޮތް ނުވި ނަމަވެސް މި އަހަރު އެ މީހުން ހައްޖަށް ދާނެ ޖާގަ މިހާރު ވެސް ރިޒާވް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ ޖާގަތަކަށް ދާން ބޭނުން ނަމަ އަދި އޮތް ގޮތުން ޖެހޭނީ އަމިއްލަ ގޮތުން ފައިސާ ދައްކަވަން ކަމަށެވެ. އޭނާ ވިދާޅުވީ އެ ޖާގަތަކަކީ ވަކި ދުވަހެއް ވަންދެން ބެހެއްޓޭ ޖާގަތަކަކަށްވާ އިރު ފައިސާ ނުދެއްކިއްޖެ ނަމަ އެ ޖާގަތައް ގެއްލިގެންދާނެ ކަމަށެވެ.
މަލީޝާ ހައްޖު ޖަމާއަތުގެ ވެރިޔާ އިސްމާއިލް އަބްދުލްލަތީފް މަކަރާއި ހީލަތުން މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް އަތުލި މައްސަލައިގެ ތަހުގީގު ނިންމައި އޭނާގެ މަށްޗަށް ދައުވާ ކޮށްދިނުމަށް އެދި މި އަހަރުގެ ޖެނުއަރީ މަހުގެ 28ވަނަ ދުވަހު ފުލުހުން ވަނީ ޕީޖީ އަށް ވެސް އެ މަސައްލަ ފޮނުވާފައި އެވެ.