27 Mar 2013, 12:10
ބްރެޒިލް 2014 އަށް ކޮލިފައިވުމަށްޓަކައި ވިލާތުގެ ގައުމުތައް ހިމެނޭ ސަރަހައްދުގެ ގްރޫޕް އެޗްގައި ރޭ މޮންޓެނީގްރޯއާ އިންގްލެންޑް ބައްދަލު ކުރި މެޗު އެކެއް އެކަކުން އެއްވަރުވެ، އިންގުލެންޑަށް ކޮލިފައި ވުމުގެ އިންތިޒާރުގައި ތިބޭން ޖެހިއްޖެއެވެ.
މޮންޓެނީގްރޯގެ އަމިއްލަ ދަނޑުގައި ކުރިއަށް ގެންދިޔަ މެޗުގައި ފުރަތަމަ ކުރި ހޯދީ ވެސް އިންގްލެންޑް އެވެ. މެޗުގެ ހަވަނަ މިނިޓުގައި ސްޓީވަން ޖެރާޑް ނަގައިދިން ރީތި ހުރަހެއް މޮންޓެނީގްރޯގެ އޭރިޔާތެރެއިން ބޮލުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލައިގެން އެ ލަނޑު ކާމިޔާބުކޮށްދިނީ ވޭން ރޫނީއެވެ.
ހުކުރު ދުވަހުގެ ރޭ ސަންމަރީނޯގެ މައްޗަށް އަށެއް ސުމެއްގެ ބޮޑު ކާމިޔާބެއް ހޯދި އިންގުލެންޑަށް މޮންޓެނީގްރޯ ކައިރީ އިތުރު ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވެ އުޅެނިކޮށް އިތުރު ޕްރެޝަރުތަކެއް އައީ ހިތްވަރާއެކު އިންގުލެންޑުގެ ހަމަލާތަކުން ރެކެމުން އައިސް، މެޗު ނިމޭން 13 މިނިޓަށް ވެފައި ވަނިކޮށް ރަށު ޓީމުގެ ޑިޖާން ޑެމްޖަނޮވިޗް ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމުންނެވެ.
ރޭގެ މެޗުގެ ނަތީޖާ އެއްވަރުވުމުން ގްރޫޕް ތާވަލުގެ އެއްވަނައިގައި ދެޕޮއިންޓުގެ ތަފާތާއެކު ޖުމުލަ 14 ޕޮއިންޓު ހޯދައިގެން އަދިވެސް އޮތީ މޮންޓެނީގްރޯއެވެ. ހަމެޗު ކުޅުނުއިރު އިންގްލެންޑަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. އެހެން ކަމުން ތާވަލުގެ ކުރި ހޯދާން އިންގުލެންޑަށް ލިބުނު ފުރުސަތު ގެއްލި އަދިވެސް މިވަނީ ކޮލިފައިވުމުގެ އިންތިޒާރުގައި ތިބެން ޖެހިފައެވެ.
ރޭގެ މެޗު ކުޅެމުން ދިޔަ ވަގުތު ދަނޑު ބެލެހެއްޓުމަށް ގިނަ އަދަދެއްގެ ރަޔަޓް ފުލުހުން ވަނީ ހަރަކާތްތެރި ވެފައެވެ. އިންގްލެންޑާ މޮންޓެނީގްރޯ ރޭގެ މެޗުގެ ކުރިން އެންމެ ފަހުން ބައްދަލު ކުރި ޔޫރޯ 2012 ކޮލިފައިންގައި މޮންޓެނީގްރޯގައި ކުޅުނު މެޗުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައިވާ އިރު އެ މެޗުގައި ވޭންރޫނީއަށް ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވައިލައިފައިވެއެވެ.
ކޮލިފައިން ގްރޫޕްގައި އިންގްލެންޑަށް ދެން މެޗެއް ކުޅޭން ޖެހޭނީ އަންނަ ސެޕްޓެމްބަރު ހަވަނަ ދުވަހު އިންގްލެންޑުގައި މޯލްޑޯވާއާ ދެކޮޅަށެވެ. ގްރޫޕުގެ އެއްވަނައިގައި އޮތް މޮންޓެނީގްރޯ ދެން ކުޅެން ޖެހޭ މެޗް އޮންނާނީ އޮކްޓޯބަރު އެގާރަވަނަ ދުވަހު އިންގްލެންޑާ ދެކޮޅަށް އިންގްލެންޑްގައެވެ.