27 Mar 2013, 12:03
ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދެއް އެކުލަވާލުމަކީ މީޑިޔާ ކައުންސިލުގެ މަސައްކަތެއް ކަމަށް ކަނޑައެޅުމަށް ސުލްހަ ވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް ގިނަ މެންބަރުން ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވައިފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަޖިލީހުން ފާސްކުރި ސުލްހަ ވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނުގެ 54 މާއްދާގެ (ހ) ބުނެފައި ނޫސްވެރީން އެކްރެޑިޓް ކުރުމާ ގުޅޭ ގޮތުން ހަދަން ޖެހޭ ގަވާއިދުތައް ހަދާނީ ބްރޯޑްކާސްޓިން ކޮމިޝަނު ކަމަށެވެ.
ސަރުކާރުގެ ފަރާތުން ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި އިސްލާހަށް ބަހުސް ރިޔާޒް ރަޝީދު ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނަކީ ހަމަ އެކަނި ބްރޯޑްކާސްޓް މިޑިޔާ ގުޅޭ ކަންކުރާ ބަޔަކަށް ވެފައިވާއިރު ނޫސްވެރީން އެކްރެޑިޓް ކުރަން ވާނީ ހުރިހާ ބާވާތެއްގައި މީޑިޔާގެ ވެސް ކަންކަން ބަލައި ތަންފީޒް ކުރުމުގެ ބާރު ލިބިފައިވާ ބަޔަކަށް ކަމަށެވެ.
އެ ބިލާ އެއްކޮޅަށް ވާހަކަ ދެއްކެވި ބައެއް މެންބަރުން ވަނީ މީޑިޔާ ކައުންސިލުން ނޫސްވެރީން އެކްރެޑިޓް ކުރުމުގެ މަސައްކަތް މީޑިޔާ ކައުންސިލަށް ދޭން ޖެހޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
ހަމަ އެހެންމެ އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެންބަރު ދިއްދޫ ދާއިރާގެ މެންބަރު ވެސް ވަނީ އެ އިސްލާހަކީ ރަނގަޅު އިސްލާހެއް ކަމަށް ބުނެ އެ ބިލަށް ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވައިފައެވެ.
"މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ވުރެ ހަރަކާތްތެރިކަން އެންމެ ރަނގަޅީ ކުރަނީ މީޑިޔާ ކައުންސިލް ކަމަށް އަޅުގަނޑު ދެކެން. މި ކަމާ އެންމެ ގުޅުންހުރި ބަޔަކީ މީޑިޔާ ކައުންސިލް ކަމުގައި އަޅުގަނޑު ދެކެން،" ސަމީރު ވިދާޅުވި އެވެ.
އެ އިސްލާހަށް ތާއީދު ކުރައްވާ ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު ޝަރީފް ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިޔާ ކައުންސިލްގެ މަސައްކަތްތަކަށް ބަލާއިރު ނޫސްވެރީން އެކްރެޑިޓް ކުރުމުގެ މަސައްކަތް އޮންނަ ޖެހޭނީ މީޑިޔާ ކައުންސިލްގައި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ނަމަވެސް އެ ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި ބޭފުޅުން ވަނީ މިޑިޔާ ކައުންސިލަށް ހުރިހާ ބާރުތައް ޖަމާ ކުރުން ކަމަށް ވިދާޅުވެ އެ އިސްލާހާ ދެކޮޅަށް ވާހަކަ ދައްކަވައިފައެވެ. އަދި މި ސަރުކާރުން ނޫސްވެރިކަމަށް ހުރަސް އަޅަމުން ދާ ކަން ފާހަގަކޮށް މެންބަރުން ވަނީ ނޫސްވެރިކަމުގެ ބާރުތައް ކަނޑުވައިލަމުން ދާ ކަމަށް ވިދާޅުވެފައެވެ.