ވިލާތު ގައުމުތައް ހިމެނޭ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް ޑީ ގައި ރޭ ނެދަލެންޑްސްއާއި ރޫމޭނިޔާ ބައްދަލު ކުރި މެޗުގައި ރޮބިން ވެންޕަސީ ކާމިޔާބު ކޮށްދިން ދެ ލަނޑާއެކު ހަތަރެއް ސުމެއްގެ ނަތީޖާއަކުން ފަސޭހަކަމާ އެކު ނެދަލެންޑްއިން ރޫމޭނިޔާގެ މައްޗަށް ކުރި ހޯދައިފިއެވެ.

ރޭގެ މެޗުގެ 12 ވަނަ މިނިޓުގައި ނެދަލެންޑްސްއަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ރަފަޔަލް ވެންޑަވާޓް އެވެ. އަދި ދެވަނަ ހާފުގެ 56 ވަނަ މިނިޓުގައި ހޮލެންޑުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވެންޕާސީއެވެ. އޭގެ ދިހަ މިނިޓު ފަހުން ޑަޗް ޓީމަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ތިންވަނަ ލަނޑު ވެސް ކާމިޔާބު ކޮށްދިނީ ވެންޕަސީއެވެ. އޭނާގެ އެ ލަނޑާ އެކު ވެންޕާސީ މިހާރު ވަނީ ޑަޗް ޓީމަށް ދެވަނައަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށް ދީފައި ވާ ކްލާސްޖޭން ހަންޓްލާގެ 34 ލަނޑުގެ ރެކޯޑާ އެއްވަރު ކޮށްފައެވެ. 40 ގޯލް ޖަހައިގެން ލިސްޓުގެ ކުރީގައި އޮތީ ޑަޗް ޓީމުގެ މިހާރުގެ އެސިސްޓެންޓް ޕެޓްރިކް ކްލުއިވަޓް އެވެ.

ރޭގެ މެޗުގައި ނެދަލެންޑްސްގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ސިއްކަ ކުރީ 90 ވަނަ މިނިޓުގައި ޖެރެމައިން ލެންސްއެވެ. މި ނަތީޖާއާ އެކު ނެދަލެންޑްސް އޮތީ ކޮލިފައިން ގްރޫޕްގައި މިހާތަނަށް އެ ޓީމު ކުޅުނު ހަ މެޗުން މޮޅުވެ ޖުމުލަ 18 ޕޮއިންޓާ އެކު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި ގްރޫޕްގެ ދެވަނައިގައި 11 ޕޮއިންޓާ އެކު އޮތީ ހަންގޭރީއެވެ. އަދި ރޫމޭނިޔާ އޮތީ 10 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައިގައެވެ.