ދެ މީހަކު ރުހިގެން ޒިނޭ ކޮށްފި ނަމަ އެއީ ކުށެއް ނޫން ކަމަށް ގާނޫނުލް އުގޫބާތުގެ ޑްރާފްޓްގައި ބަޔާން ކޮށްފައި ވާ ކަމަށް ވިދާޅުވެ، ހަގީގަތް އޮޅޭ ގޮތަށް ޢަދާލަތު ޕާޓީގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް ޝައިހް އިލްޔާސް ހުސައިން ދަރުސް ދެއްވައިފައިވާ ކަމަށް ބުނެ ގާނޫނުލް އުގޫބާތުގެ ބިލް ދިރާސާ ކުރާ ކޮމެޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އިޝާ ނަމާދަށް ފަހު ފުރުގާން މިސްކިތުގައި "އިސްލާމީ ޝަރީޢަތުގެ މަގުސަދު"ގެ ނަމުގައި ބޭއްވި ދަރުހެއްގައި އިލްޔާސް ދެއްކެވި ވާހަކަފުޅުގެ ރެކޯޑިން ހޯދުމަށް ގާނޫނުލް އުގޫބާތުގެ ކޮމެޓީން އިއްޔެ ވަނީ ނިންމައިފައެވެ. އިލްޔާސްގެ ދަރުސް ލައިވް ކުރި "ރޭޑިއޯ އެޓޯލް" އިން އެ ދަރުސްގެ ރެކޯޑިން ހޯދުމަށް އެ ސްޓޭޝަނަށް މަޖިލީހުން ސިޓީއެއް ފޮނުވުމަށް ކޮމެޓީން ވަނީ ނިންމައިފައެވެ.

ހަގީގަތް އޮޅޭ ގޮތަށް އިލްޔާސް ދަރުސް ދެއްވި މައްސަލަ ގާނޫނުލް އުގޫބާތުގެ ކޮމެޓީގެ ސަމާލު ކަމަށް ގެނެސްފައި ވަނީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދެވެ. އޭނާ ވަނީ އެ މައްސަލަ ބަލައިދިނުމަށް ކޮމެޓީގައި އެދިވަޑައިގެންފައެވެ.

ކޮމެޓީގެ މުގައްރިރު ބިލެތްދޫ ދާއިރާގެ އަހުމަދު ހަމްޒާ ވިދާޅުވީ އެ ދަރުސްގެ ރެކޯޑިން ހޯދުމަށް ފަހު އެ މައްސަލަ ބައްލަވާނެ ކަމަށެވެ.

ގާނޫނުލް އުގޫބާތުގެ ބިލް ދިރާސާ ކުރާ ކޮމެޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ރަޝާދު ވިދާޅުވީ ދެ މީހަކު ރުހިގެން ޒިނޭކޮށްފިނަމަ އެއީ މައްސަލައަކަށް ނުވާ ކަމަށް އިލްޔާސް ވިދާޅުވި އިރު، އެފަދަ ގޮތަކަށް ގާނުނުލް އުގޫބާތުގައި ބުނެފައި ނުވާނެ ކަމަށެވެ. މައްސަލަ ތަފްސީލު ކޮށް ދެއްވަމުން އޭނާ ވިދާޅުވީ ގާނުނުލް އުގޫބާތުގެ ޑްރާފްޓްގެ 130 ވަނަ މާއްދާގައި ބުނާ ގޮތުން މީހެއްގެ ރުހުމާއި ނުލައި ގަދަކަމުން މީހަކާ ޒިނޭކުރާ މީހާ އެކުރަނީ ކުށެއް ކަމަށް ބަޔާންކޮށްފައި އޮންނަނީ "ރޭޕް"ގެ މާނައިގައި ކަމަށެވެ. އަދި އެ މާއްދާ އަމިއްލަފުޅަށް މާނަކުރަމުންގޮސް "ރުހުމުގައި ކުރާ ޒިނޭއަކީ" މައްސަލައެއް ނޫން ކަމަށް ބުނެ ޝައިޚް އިލްޔާސެއް ކަމަކު ދޮގު ވާހަކަ ދައްކައިގެން ނުވާނެ ކަމަށް ނާޒިމް ރަޝާދު ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައިވާ ޖިންސީ ކުށުގެ އަދަބު ތަފްސީލު ކޮށްދެއްވަމުން ނާޒިމް ރަޝާދު ވިދާޅުވީ ރުހުމުގައި ޒިނޭ ކުރިއަސް އަދި ކޮންމެ ގޮތަކުން ޒިނޭ ކުރިޔަސް އަދަބު ލިބޭނެ ކަމަށް ބިލުގެ 411 ވަނަ މާއްދާގައި ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި ގާނޫނުލް އުގޫބާތުގެ ބިލްގެ ޑްރާފްޓް ދިރާސާ ކުރައްވަންޖެހޭ ވަރަށް ދިރާސާ ނުކުރައްވައި އިލްޔާސް އެފަދަ ވާހަކަފުޅުތަކެއް ދެއްކެވީ ގަސްތުގައި އޮޅުވައިލައްވާން ކަމަށް ނާޒިމް ރަޝާދު ވިދާޅުވި އެވެ.

"އެހެންވީމާ މި ބޭފުޅުން ރަނގަޅަށް ބިލް ދިރާސާ ނުކުރައްވައި ރައްޔިތުންގެ ތެރެއަށް ކޮމެންޓް ކުރައްވަމުން އެ ގެންދަވަނީ ސީދާ ގަސްތުގައި. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ހާއްސަކޮށް މި ކޮމެޓީގެ މެންބަރުންނާ މެދު ނަފްރަތު އުފެއްދުމަށް،" އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ނާޒިމް ރަޝާދު ވިދާޅުވި އެވެ.

ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ ގާނޫނުލް އުގޫބާތުގެ ޑްރާފްޓަށް އިޝާރާތްކޮށް ދީނީ އިލްމުވެރިން ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ، ބަލަން ވާ ވަރަށް ނުބަލައި، "ގަސްތުގައި ފިތުނަ އުފެއްދުމަށް" ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި އެފަދަ މޭރުމުން ދީނީ އިލްމުވެރިން ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ އެބޭފުޅުންގެ މައުލޫމާތުގެ ދާއިރާ "ހަނިކަމުން" ކަމަށެވެ.