ވޯލްޑްކަޕް ކޮލިފައިން ގްރޫޕްގައި ފްރާންސާދެކޮޅަށް ރޭ ދުނިޔޭގެ ޗެމްޕިއަން ސްޕެއިން ބައްދަލު ކުރިމެޗުގައި ސްޕެއިންގެ ބާސެލޯނާ ފޯވަޑް ޕެޑްރޯ ރޮޑްރިގޭޒް ޖަހައިދިން ލަނޑާއެކު އެމެޗުން މޮޅުވެ ގްރޫޕުގެ އެއްވަނަ ހޯދައިފި އެވެ.

ޕެރިހުގައި ކުޅުނު ވާދަވެރި މެޗުގައި ދެ ޓީމުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަމެޗުގައި ފްރާންސް ޓީމުން ވަނީ ސްޕެއިންގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ދީފަ އެވެ. އެހެން ނަމަވެސް މެޗްގެ ގިނަ ވަގުތު ބޯޅަހިފަހައްޓައިގެން ކުޅުނު ސްޕެއިންއަށް މެޗުގެ ނަތީޖާ ބަދަލު ކޮށްލެވުނީ މެޗުގެ 58 ވަނަ މިނިޓުގައި ސްޕެއިންގެ އާސެނަލް ޑިފެންޑަރު ނާކޯ މޮންރިއަލް ނަގަދިން ރީތި ހުރަހެއް ފްރާންސްގެ ގޯލްގެ ތެރެއަށް ޕެޑްރޯ ފޮނުވާލައިގެންނެވެ.

ރޭގެ މެޗުގައި ޒާވީ ހެނާންޑޭޒްއަށް ފައުލުކުރުމާގުޅިގެން ކުރިން ޕްރާސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް މެޗު 78 ވަނަ މިނިޓުގައި ރެފްރީ ވަނީ ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވައިލާފަ އެވެ. އެހެން ނަމަވެސް ހަމަ އެފަދަ ފައުލެއް ފްރެންކު ރިބަރީއަށް ޒާވީ ކުރިއިރު އެފައުލަށް ކާޑެއް ނުދައްކައި ދޫކޮށްލިކަން ފްރާންސްގެ ކޯޗް ޑިޑިއާ ޑެޝެމްޕްސް ވަނީ ފާހަގަ ކޮށްފަ އެވެ.

މިދިޔަ ހުކުރުދުވަހުގެ ރޭ ސްޕެއިން އަމިއްލަ ރަށުގައި ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި އެކެއް އެކަކުން އެއްވަރު ވެފައިވާ އިރު ކޯޗު ވިންސެންޓް ޑެލް ބޯސްކު ބުނީ މި ލިބުނީ ރަނގަޅު ތިންޕޮއިންޓު ކަމަށާއި އެހެން ނަމަވެސް ކުރިއަށް ތިންމެޗު އޮތުމުން އަދިވެސް ކޮންމެ ޓީމަކަށް ވެސް ޕޮއިންޓު ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ގްރޫޕްގައި ބާކީ ތިން މެޗު ކުޅެން އޮތްއިރު ރޭގެ މޮޅާއެކު ދުނިޔޭގެ ޗެމްޕިއަނުންނަށް މިވަނީ 11 ޕޮއިންޓާއެކު އެއްޕޮއިންޓުގެ ތަފާތަކުން ތާވަލުގެ އެއްވަނަ ހޯދާފަ އެވެ. އަންނަ ސެޕްޓެމްބަރު ހައެއްގައި އެޓީމު ވާދަކުރަން ޖެހޭނީ ރަށުން ބޭރުގައި ފިންލޭންޑާއެވެ. އަދި ފްރާންސް ވާދަކުރަން ޖެހޭނީ 10 ސެޕްޓެމްބަރުގައި ރަށުން ބޭރުގައި ބެލަރޫސްއާއެވެ.