ވޯލްޑްކަޕް ކޮލިފައިންގައި ރޭ އަމިއްލަ ދަނޑުގައި އިޓަލީގެ ހުނަރުވެރި ފޯވަޑް މާރިއޯ ބަލެޓޮލީ ކާމިޔާބުކޮށްދިން ދެ ލަނޑުން ދޭއް ސުމަކުން މޯލްޓާއާ ދެކޮޅަށް ކުޅެ އިޓަލީ މޮޅުވެއްޖެއެވެ.

ރޭގެ މެޗުގައި ބަލެޓޮލީ ކާމިޔާބުކުރި ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ މެޗުގެ ހަތްވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ދެވަނަ ލަނޑެއް ކާމިޔާބު ކޮށްދީ ބަލެޓޮލީ ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އަޒޫރީންނަށް ދޭއް ސުމެއްގެ ލީޑް ހޯދައިދީފަ އެވެ.

ރޭގެ މެޗުގެ 16 ވަނަ މިނިޓުގައި މޯލްޓާއަށް ޕެނަލްޓީއެއް ލިބިފައިވާއިރު އެ ޓީމުގެ ކެޕްޓަން މައިކަލް މިފްސޫޑް ޖެހި ޕެނަލްޓީ، އިޓަލީގެ ތަޖުރިބާކާރު ކީޕަރު ޖިއަންލުއިޖީ ބުފޮން ވަނީ ދިފާއުކޮށްފަ އެވެ. ރޭގެ މެޗުގައި ބުފޮން ވަނީ އިޓަލީ ޓީމަށް ދެވަނައަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ޕައުލޯ މަލްޑީނީގެ 126 މެޗުގެ ރެކޯޑާ އެއްވަރު ކޮށްފައެވެ. އަޒޫރީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވަނީ 136 މެޗު ކުޅެފައިވާ ފަބިއޯ ކަނަވާރޯ އެވެ.

ކޮލިފައިންގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 13 ޕޮއިންޓާއެކު ގްރޫޕް ބީގެ އެއްވަނައިގައި އޮތީ ޔޫރަޕްގެ ރަނަރަޕް އިޓަލީއެވެ. އަދި ޑެންމާކާ ދެކޮޅަށް ކުޅެ އެކެއް އެކަކުން އެއްވަރު ވެ ތާވަލުގެ ދެވަނައިގައި 10 ޕޮއިންޓާއެކު އޮތީ ބަލްގޭރިޔާ އެވެ. އަރުމީނިޔާގެ މައްޗަށް ތިނެއް ސުމެއްގެ މޮޅެއް ހޯދުމަށް ފަހު ތާވަލުގެ ތިންވަނައިގައި އަށް ޕޮއިންޓާ އެކު އޮތީ ޗެކް ރިޕަބްލިކެވެ. ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ ގްރޫޕްގެ ފުލުގައި އޮތީ މޯލްޓާ އެވެ.