މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފްވެގެން މާވެޔޮމަގުގައި ހުންނަ ފުރަދާނަ ބޭސްފިހާރަ ވެސް ބަންދުކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ސޯސަންމަގުގައި ހުންނަ ޕޮއިންޓް ތުރީ ފާމަސީ ބަންދުކުރިއިރު މާވެޔޮމަގުގައި ހުންނަ ފުރަދާނަ ބޭސް ފިހާރަ ވެސް ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެތަން ވެސް ބަންދުކޮށްފައި ވަނީ އެފްޑީއޭގެ މިންގަނޑުތަކާ ޚިލާފުވުމުން ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ ތަފްސީލުތަކެއް ހާމައެއް ނުކުރެ އެވެ.

ޕޮއިންޓް ޕާމަސީގެ ސީއީއޯ ހަމްޒާ ގާސިމް ވިދާޅުވެފައި ވަނީ އެތަން ބަންދުކުރީ ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިންސްޕެކްޝަނަށް ދިޔައިރު ޕޮއިން ތުރީ ފާމަސީގެ ފާހާނާގެ ތެރޭގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ ބައެއް ކަހަލަ ބޭސް ބަހައްޓާފައި ހުރެގެން ކަމަށެވެ. ނަމަވެސް އެތަނުގެ ތެރޭގައި ކާ އެއްވެސް ބޭހެއް ނުހުންނާނެ ކަމަށާއި އެތަނުގެ ތެރޭގައި ބަހައްޓާފައި ހުރީ ބައެއް ކަހަލަ "އޮއިންމަންޓްސް"ގެ އިތުރުން ބެންޑޭޖް ފަދަ އެއްޗެހި ކަމަށް ވެސް އެނާ ވިދާޅުވި އެވެ.