27 Mar 2013, 10:23
މަތި އުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅަކު އޮފީހަށް ވަޑައިގަންނަވަން ޖެހޭ 243 ދުވަހުގެ ތެރެއިން 176 ދުވަހު އޮފީހަށް ވަޑައިނުގެން ކޮންމެ މަހަކު 18500ރ.ގެ މުސާރައެއް ނަގާފައިވާ ކަމަށް ގައުމީ އިދާރާގެ ހާއްސަ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް ސޮއިކުރައްވައި އިއްޔެ ނެރެފައިވާ މަތި އުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ހާއްސަ އޮޑިޓް ރިޕޯޓްގައި ވަނީ އެ އިދާރާ އިން ގާނޫނާއި ގަވާއިދާ ހިލާފަށް ކޮށްފައިވާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން އެ އިދާރާއި 2011 ވަނަ އަހަރު ސިޔާސީ މަގާމެއްކަމުގައިވާ ޕްރޮވިންސް ކޯޑިނޭޓަރު މަގާމުގައި ހުންނެވި ބޭފުޅަކު އޮފީހަށް ހާޒިރުވާން ޖެހޭ 243 ދުވަހުގެ ތެރެއިން 176 ދުވަހު އޮފީހަށް އެންގުމަކާ ނުލައި އޮފީހަށް ވަޑައިގެންފައި ނުވާ އިރު އެކަމަށް އެއްވެސް ފިޔަވަޅެއް އެޅާފައި ނުވާ ކަމަށް ފާހަގަކޮށްފަ އެވެ. އަދި އޭނާ އޮފީހަށް ވަޑައިގަތް 52 ދުވަހު ވެސް އޮފީހުގައި ހޭދަކޮށްފައި ވަނީ މަދު ވަގުތުތަކަށްވާ އިރު އޭނާ އަށް މަހެއްގެ މައްޗަށް މުސާރައިގެ 18500ރ. ދީފައިވާކަން ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް އެއީ ކޮންބޭފުޅެއްކަމެއް އެރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އެކަމުގައި އޮޑީޓާ ޖެނެރަލް ލަފާ އަރުވާފައި ވަނީ އޭނާ އޮފީހަށް ވަޑައިނުގަންނަވާ އިރު އޭނާ އަށް ދީފައިވާ ފައިސާއަކީ ދޭން ޖެހޭ ވަރަށް ވުރެ އިތުރަށް ދީފައިވާ ފައިސާކަމުން އެކަމުގައި ޒިންމާވާ ފަރާތަކުން އެ ފައިސާ ހޯދައި އެ ފައިސާ ދައުލަތުގެ މާލިއްޔާ އަށް ޖަމާކުރުމަށެވެ.
އެއޮޑިޓް ރިޕޯޓްގައި އޮޑިޓާ ޖެނެރަލް ފާހަގަކޮށްފައިވާ އިތުރު ކަންތަކުގެ ތެރޭގައި އެ އިދާރާ އަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާގެ ގިނަ ދުވަސްތަކެއް ވަންދެން ދައުލަތުގެ ކޮންސޮލިޑޭޓް ރެވެނިއު ފަންޑަށް ޖަމާނުކޮށް ހުރިކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން 2000 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް އާމްމުދަނީގެ ގޮތުގައި ލިބުނު 1.7 މިލިއަން ރުފިޔާ ދައުލަތުގެ ކޮންސޮލިޑޭޓް ރެވެނިއު ފަންޑަށް ޖަމާނުކޮށް ހދ. ކުޅުދުއްފުށީ ބޭންކް އޮފް މޯލްޑިވުސްގެ އެކައުންޓެއްގައި ބަހައްޓާފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ހަމައެހެންމެ އެ އިދާރާގެ އިސްވެރިންގެ ލިވިން އެލަވަންސްގެ ގޮތުގައި 2011 ވަނަ އަހަރު 1.08 މިލިއަން ރުފިޔާ ދީފަވާ އިރު އެފަރާތަތަކަށް އެއިދާރާ އިން އެކޮމެޑޭޝަން ދީފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ހަމައެހެންމެ 2011 ވަނަ އަހަރު އެ އިދާރާ އިން ބޭނުންކޮށްފައިވާ ފައިސާތަކުގެ ތެރެއިން ބާކީވި 74774ރ. ފިނޭންސް މިނިސްޓްރީ އަށް ދިފައިނުވާކަން އެއޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރު ކަންތަކުގެ ތެރޭގައި އެކޮމެޑޭޝަން ބްލޮކްތަކާއި ކޮޓަރިތައް ބޭނުންކުރެވެމުންދާ ގޮތުގެ މައުލޫމާތު ރަނގަޅަށް ބަލަހައްޓަފައިނުވާ ކަމަށާއި އެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް އަމަލުކޮށްފައިވާކަން ފާހަގަކޮށްފައި އެވެ. އަދި ހަމައެހެންމެ ކުއްޔަށް ދިނުމުގެ އުސޫލާ ހިލާފަށް ހދ. އަތޮޅުގެ ކުއްޔަށް ދިނުމާއި އެ އިދާރާގެ ލޯންޗް ދަތުރުތަކަކީ ކޮން ބޭނުމެއްގައި ކޮށްފައިވާ ދަތުރުތަކެއްނެތްކަން އެގެން ނެތް ކަން ފާހަގަކޮށްފައިވެ އެވެ.
ގައުމީ އިދާރާތަކަކީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި އުފައްދާފައިވާ އިދާރާއެކެވެ. އަދި 2013 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހު މިހާރުގެ ސަރުކާރުން ވަނީ އެއިދާރާތައް އުވާލާފަ އެވެ.