17 Oct 2010, 14:07
ކޮމަންވެލްތު ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރްމާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނީ، ރާއްޖެ އަށް ޑިމޮކްރެޓިކް އިސްލާޙް ގެނައުމުގެ މަސައްކަތުގައި ކޮމަންވެލްތްގެ އެހީތެރިކަން ރާއްޖެއަށް ވަރަށް ބޮޑަށް ލިބުނުކަން ފާހަގަކުރައްވައި އެކަމަށްޓަކައި ކޮމަންވެލްތަށް ރައީސް ޝުކުރުއަދާކުރެއްވި ކަމަށެވެ. އަދި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމުގައި ވިދާޅުވެ، އެ ގޮންޖެހުންތަކާ ބެހޭ ގޮތުން ސެކްރެޓަރީ ޖެނެރަލަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވި އެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަތުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުންނާއި އެކަމުގައި ކޮމަންވެލްތުން ރާއްޖެ އަށް ވެދެއްވިދާނެ އެހީތަކާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާ ސެކްރެޓަރީ ޖެނެރަލް މަޝްވަރާ ކުރެއްވި އެވެ.
ސެކްރެޓަރީ ޖެނެރަލް ޝަރްމާ ދެއްކެވި ވާހަކަފުޅުގައި، ސިޔާސީ މަސްލަޙަތަށް ވުރެ ޤައުމީ މަސްލަޙަތު ހުރިހާ ފަރާތްތަކަކުން ވެސް އިސްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. އަދި، އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލުގެ މެންބަރުކަމަށް ރާއްޖެ ހޮވިފައިވުމާ އެކު އެކަމަށްޓަކައި މަރުޙަބާ ވިދާޅުވެ، އިންސާނީ ޙައްޤުތަކުގެ ދާއިރާއާއި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަން ގެނެސްދިނުމަށް ރާއްޖެ އިން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށްވެސް ސެކްރެޓެރީ ޖެނެރަލް އަލިއަޅުވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.