ވަޓްސްއެޕް، ވައިބާ އަދި ސްކައިޕް ފަދަ ސްމާޓް ފޯނުތަކާއި ޑިވައިސްތަކުގައި ބޭނުންކުރެވޭ މުވާސަލާތީ އެޕްލިކޭޝަންތައް ސައުދީ އަރަބިއްޔާގައި ބޭނުންކުރުން މަނާކުރުމަކީ ވަރަށް ގާތް ކަމެއް ކަމަށް ސައުދީ އަރަބިއްޔާގެ ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ކޮމިޝަން (ސީއައިޓީސީ) އިން ބުނެފި އެވެ.

ސައުދީ އަރަބިއްޔާގެ މީޑިއާތަކުން ބުނެފައި ވަނީ ސްމާޓް ޑިވައިސްތަކުގައި ބޭނުންކުރެވޭ މުވާސަލާތީ އެޕްލިކޭޝަންތައް މަނާކުރުމަށް ސައުދީއިން އަދި ނިންމާފައި ނުވާ ނަމަވެސް، އެފަދަ އެޕްލިކޭޝަންތައް އުފައްދާ ފަރާތްތަކަށް ސައުދީގެ ސީއައިޓީސީ އިން މިހަފުތާގެ ނިޔަލަށް ސީއައިޓީސީގެ ޝަރުތުތައް ފުރިހަމަ ނުކޮށްފިއްޔާ އެޕްލިކޭޝަންތައް މަނާކުރާނެ ކަން އަންގާފައިވާ ކަމަށެވެ.

ސީއައިޓީސީ އިން އެދިފައި ވަނީ، މުވާސަލާތީ އެޕްތަކުގައި ދެކެވޭ ވާހަކަ މޮނިޓާކުރެވޭނެ ނިޒާމެއް ފޯރުކޮށްދިނުމަށެވެ.

ވަޓްސްއެޕް، ވައިބާ އަދި ސްކައިޕް އަކީ މޯބައިލް އިންޓަނެޓް ބޭނުންކޮށްގެން ހިލޭ މެސެޖުކުރުމާއި ގުޅުމުގެ ހިދުމަތް ފޯރުކޮށްދޭ އެޕްލިކޭޝަންތަކެ ކެވެ. މިއެޕްލިކޭޝަންތައް ބޭނުންކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލުކަން ހޯދާފައި ވަނީ ހިލޭ ބޭނުންކުރެވޭ އެޕްލިކޭޝަންތަކަކަށް ވެފައި، ގުޅާލުމަށް ނުވަތަ މެސެޖުކުރުމަށްދާ ހަރަދުތައް އާދައިގެ ކޯލްތަކާ އަޅާ ބަލާއިރު، އިންތިހާއަށް ކުޑަވެގެން ދިއުމެވެ.

ސައުދީގެ މީޑިއާތަކަށް މައުލޫމާތު ދެމުން މުވާސަލާތީ ކުންފުންޏެއްގެ އޮފިޝަލަކު ވިދާޅުވީ ވޭތުވެދިޔަ 20 ދުވަހު މުވާސަލާތީ ކުންފުނިތަކާ ސީއައިޓީސީއާ ދެމެދު މަޝްވަރާކޮށްފައި ވަނީ މުވާސަލާތީ އެޕްލިކޭޝަންތަކުން ކުރެވޭ މެސެޖުތަކާ ކޯލުތައް އަޑުއެހޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.

މުވާސަލާތީ ގިނަ އެޕްލިކޭޝަންތަކުން އަމިއްލަ އެންކްރިޕްޝަނެއް ގެންގުޅޭ އިރު، ކޯލާއި މެސެޖް މޮނިޓާކުރެވޭނީ އެޕްލިކޭޝަންތައް ގެންގުޅޭ ކުންފުނިތަކުން އެކަމަށް ބޭނުންވާ އެހީތެރިކަން ސީއައިޓީސީ އަށް ދީފި ނަމަ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ނަމަވެސް މިހާތަނަށް މީގެ އެއްވެސް ކުންފުންޏަކަށް މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް ސީއައިޓީސީ އިން އެއްވެސް މުއާމަލާތެއް ކޮށްފައިވާ ކަމެއް ކަށަވަރުކުރެވިފައެއް ނުވެ އެވެ.