އެމެރިކާގެ ރައީސްއާއި ނައިބު ރައީސް ފަދަ އިސްވެރިންގެ ސަލާމަތީ ކަންކަން ބަލަހައްޓާ އެޖެންސީ ކަމަށްވާ ސީކްރެޓް ސާވިސްގެ ވެރިއަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ހަމަޖައްސައިފި އެވެ.

އެމެރިކާގެ ވައިޓް ހައުސްއިން ބުނީ ސީކްރެޓް ސާވިސްގެ ޑިރެކްޓާ ކަމުގެ މަގާމަށް، ސީކްރެޓް ސާވިސްގައި 30 އަހަރުގެ ދިގު މުއްދަތެއް ވަންދެން ހިދުމަތްކޮށްފައިވާ އުމުރުން 53 އަހަރުގެ ޖޫލިއާ އޭ ޕިއާސަން ހަމަޖައްސާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕިއާސަން ސީކްރެޓް ސާވިސްގެ ޑިރެކްޓާގެ މަގާމަށް އައްޔަނުކޮށްފައި ވަނީ އެމަގާމުގައި ކުރިން ހުރި މާކު ޖޭ ސުލިވާން މަގާމުން ވަކިވުމުން ނެވެ. ޖޫލިއާ ޕިއާސަން ވަނީ މާކު ޖޭ ސުލިވާންގެ ދަށުން ސީކްރެޓް ސާވިސް ހިންގިއިރު ސީކްރެޓް ސާވިސްގެ ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވާފަ އެވެ.

އިއްޔެ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ސީކްރެޓް ސާވިސްގެ އިތުރުން، އެމެރިކާގެ ޖަލުތައް ބަލަހައްޓާ އިދާރާ ކަމަށްވާ މާޝަލްސް ސާވިސްއާއި ޑުރަގް އެންފޯސްމަންޓް އެޖެންސީގެ ޑިރެކްޓާގެ މަގާމުތަކަށް އަންހެން ބޭފުޅުން ހަމަޖައްސާފަ އެވެ.

ނަމަވެސް އެމެރިކާގެ މީޑިއާތަކުން ބޮޑަށް ފާހަގަކޮށްފައި ވަނީ ސީކްރެޓް ސާވިސްގެ އެންމެ އިސް މަގާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ހަމަޖެއްސި ވާހަކަ އެވެ. އާއްމު ގޮތެއްގައި އެމެރިކާގެ އެންމެ އިސްވެރިންގެ ހަށިފާރަވެރިންގެ ގޮތުގައި ހަރަކާތްތެރިވާ އެޖެންޓުން މަސައްކަތްކުރާ ސީކްރެޓް ސާވިސް މިހާތަނަށް ފެނިގެން ގޮސްފައި ވަނީ ފިރިހެނުން އިސްކޮށް މަސައްކަތްކުރާ އެޖެންސީއެއްގެ ގޮތުގައި ނަމަވެސް، މިހާރު އެވިސްނުން ބަދަލުވެގެންދާނެ ކަމަށް އެމެރިކާ ނިއު ޔޯކް ޓައިމްސްއިން ބުނެ އެވެ.