ދަވްޙާ (މާޗް 27): ސޫރިޔާގެ ރައްޔިތުންނާއި ފަލަސްތީނުގެ ރައްޔިތުންނަށް އެހީދިނުމަށާއި އެހީތެރިވުމަށް ގޮވާލަމުން ގަތަރުގައި ކުރިޔަށްދިޔަ އެއްދުވަހުގެ ޢަރަބި އިސްވެރިންގެ ސަމިޓް ނިންމާލައިފި އެވެ.

ޢަރަބި ސަމިޓުން ނެރުނު ގުޅިގައިވާ ބަޔާނުގައި ބުނެފައި ވަނީ ސަރުކާރު ވައްޓާލުމަށްޓަކައި އިދިކޮޅު ހަނގުރާމަ ވެރިންނަށް ޢަސްކަރީ ތަމްރީނާއި ހަތިޔާރު ފޯރުކޮށްދިނުމުގެ ޙައްޤު އަރަބި ކޮންމެ ގައުމަކަށް ވެސް ލިބިގެންވާކަމުގަ އެވެ. އަދި ސޫރިޔާގެ ރައްޔިތުން ތަމްޘީލްކުރާ ފަރާތަކީ އިދިކޮޅު ކޯލިޝަނުން ކަމަށާ ޢަރަބިން މުއާމަލާތް ކުރާނީ ސޫރިޔާ ސަރުކާރުގެ ބަދަލުގައި އިދިކޮޅުކޯލިޝަނާ ކަމަށްވެސް ސަމިޓްގެ ބަޔާން ބުނެ އެވެ. މިބަޔާންބުނެފައި ވަނީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށް ޓަކައި އެގައުމުގެ އިދިކޮޅު ހަނގުރާމަ ވެރިންނަށް ޢަސްކަރީ ގޮތުން އެހީތެރިވުމަކީ ޢަރަބި ކޮންމެ ގައުމަކުން ވެސް އެގައުމަކަށް ފެންނަ ގޮތަކަށް ކުރެވިދާނެ ކަމެއްކަމަށް ބުނެފައިވެ އެވެ. ޢަރަބި ސަމިޓްގައި ސޫރިޔާގެ މައްސަލައިގެ އިތުރުން ފަލަސްތީނުގެ މައްސަލައާ ބެހޭ ގޮތުން ވެސް ޢަރަބި ލީޑަރުން މަޝްވަރާކުރެއްވި އެވެ.

މިގޮތުން ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގައި އިސްރާއީލުން ކުރިޔަށްގެންދާ ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަޝްރޫޢު ހުއްޓުވުމަށްޓަކައި އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރުމަށް ޢަރަބި ސަމިޓްގެ ބަޔާނުގައި ބާރުއަޅާފައިވެ އެވެ. އަދި ޤުދްސު ޔަހޫދީ ކުރުމަށް އިސްރާއީލުން ކުރަމުންގެންދާ މަސައްކަތްތައް ކުށްވެރިކޮށް އެމަސައްކަތްތައް ހުއްޓުވުމަށް އދ. އަށާއި ޢަރަބި އިސްލާމީ ދުނިޔެއަށް ގޮވާލާފައިވެ އެވެ. މީގެއިތުރުން ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނައްތާލުމަށް މަސައްކަތް ކުރުމަށް އދ. އަށާއި ދުނިޔޭގެ ގައުމުތަކަށް ޢަރަބި ސަމިޓުގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

ދަވްޙާގައި އިއްޔެ ނިމުނު ޢަރަބި ސަމިޓްގައި ސޫރިޔާ ތަމްޘީލް ކުރެއްވީ އެގައުމުގެ އިދިކޮޅު ކޯލިޝަންގެ ރައީސަކަށް ހުންނެވުމަށް ފަހު މިދިޔަ އާދީއްތަ ދުވަހު މަޤާމުން އިސްތިއުފާ ދެއްވި އަހްމަދު މުޢާޛުލްޚަތީބެވެ. މުޢާޛުލްޚަތީބާއެކު ޢަރަބި ސަމިޓްގައި ތަމްޘީލްކުރީ އެގައުމުގެ އިދިކޮޅު ކޯލިޝަންގެ އިސްވަފްދެކެވެ. (އަލްޖަޒީރާ)