27 Mar 2013, 09:24
ވޮޝިންޓަން (މާޗް 27): އުތުރުކޮރެޔާގެ އިންޒާރުތަކާ މެދު ކަންބޮޑުވާ ކަމަށާއި އެ އިންޒާރުތަކަކީ ސީރިޔަސް ކަމެއްގެ ގޮތުގައި ބަލައިގެން އެއިންޒާރުތަކާ މެދު މުޢާމަލާތްކުރާނެކަމަށް އެމެރިކާ ބުނެފި އެވެ.
އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަންގެ ތަރްޖަމާން ޖޯޖް ލިޓެލް ވިދާޅުވީ އުތުރުކޮރެޔާ އިން އެމެރިކާގެ ޢަސްކަރީ ބޭސްތަކަށް ޙަމަލާދޭނެ ކަމަށް ބުނެ ދެމުންގެންދާ އިންޒާރުތަކަކީ ހަގީގީ އިންޒާރުތަކެއްގެ ގޮތުގައި ބަލައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެމެރިކާ އަޅަމުންގެންދާނެ ކަމުގަ އެވެ. ލިޓެލް ވިދާޅުވީ އުތުރުކޮރެޔާ އެމެރިކާ އަށް ދެމުންގެންދާ އިންޒާރުތަކާ މެދު ހަގީގަތުގައި ވެސް އެމެރިކާ ކަންބޮޑުވާކަމަށާ އުތުރުކޮރެޔާ އެކު ޢަސްކަރީ ކުރިމަތިލުމަކަށްދިޔުމުގެ ވިސްނުމެއް އެމެރިކާ ނުގެންގުޅޭކަމުގަ އެވެ. ނަމަވެސް އުތުރުކޮރެޔާގެ އިންޒާރުތަކުގައިވާ ގޮތަށް ދެކުނު ކޮރެޔާ އާއި ހަވާއި އާއި ގުއާމް ގައިވާ އެމެރިކާގެ ޢަސްކަރީ ބޭސްތަކަށް އިސްވެ ޙަމަލާދިނުމުގެ ޤާބިލްކަން އުތުރުކޮރެޔާއަށް ލިބިގެންވާކަން ނުވަތަ ނޫންކަން ޕެންޓަގަންގެ ތަރްޖަމާން ހާމަކުރައްވާފައެއް ނުވެ އެވެ.
އުތުރުކޮރެޔާ އިން އެމެރިކާ އަށް ދެމުންގެންދާ ސިލްސިލާ އިންޒާރުތަކުގައި އެންމެފަހުން އިއްޔެ ބުނެފައި ވަނީ އެގައުމުއޮތީ ހަނގުރާމައަށް ތައްޔާރުވެގެން ކަމަށާއި އެމެރިކާގެ ޖެއްސުންކުރުންތަކަށާއި ބިރުދެއްކުންތައް ބަލަން ދެން މަޑުންނޯންނާނެ ކަމުގައެވެ. މިގޮތުން އުތުރުކޮރެޔާ ސިފައިންގެ އަމާޒުހުރީ ދެކުނު ކޮރެޔާއާއި ހަވާއި އާއި ގުއާމް ގައިވާ އެމެރިކާގެ ޢަސްކަރީ ބޭސްތަކަށް ހަމަލާ ދިނުމަށް ކަމަށް ވެސް އުތުރުކޮރެޔާގެ ސިފައިންގެ އެންމެ މަތީ ކޮމާންޑުން އެމެރިކާ އަށް ދިން އިންޒާރުގައި ބުނެ އެމެރިކާއަށް ބިރުދައްކާފައިވެ އެވެ. އެމެރިކާ އިން ދާދިފަހުން ވަނީ ބީ.52 މަރުކާގެ ޢަސްކަރީ ބިޔަ މަތިންދާބޯޓުތައް ބޭނުންކޮށްގެން ކޮރެޔަން ޕެނިންސިއުލާގައި ޢަސްކަރީ ޙަރަކާތްތަކެއް ފުޅާދާއިރާއެއްގައި ހިންގާފަ އެވެ. އަދި އުތުރުކޮރެޔާ އަށް ބިރު ދެއްކުމުގެ ގޮތުން ދެކުނު ކޮރެޔާއާއެކު ވަނީ ޢަސްކަރީ އާ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ.
ތަޖްރިބާކާރުން ވިދާޅުވާގޮތުގައި އުތުރުކޮރެޔާވަނީ އެމެރިކާގެ ބައްރަށް ފޯރާފަދަ ދުރުރާސްތާގެ ބެލަސްޓިކް މިސައިލް ތަރައްޤީ ކޮށްފައެވެ. އަދި މިފަދަ މިސައިލްތަކުގައި ނިއުކްލިޔަރ ވޯހެޑް ހަރުކުރުމުގެ މަސައްކަތް އުތުރުކޮރެޔާގެ ސައެންސްވެރިން ކުރަމުން ގެންދާ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)