އަންނަ އަހަރު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕުގެ ކޮލިފައިން ބުރުގައި ވާދަކުރާ އަށް ގައުމު ކަށަވަރު ވެއްޖެ އެވެ.

ކޮލިފައިން ބުރުގައިވާދަކުރާ އެ އަށްގައުމު ކަށަވަރުވީ، މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ވާދަކުރި ފަސް ގްރޫޕްގެ ތެރެއިން އެންފެ ފަހު ގްރޫޕް ކަމުގައިވާ ގްރޫޕް އީގެ ފަހު ދެ މެޗް އިއްޔެ ކުޅެ ނިމުމުންނެވެ. އެ ގްރޫޕްގެ ދެ މެޗު އިއްޔެ ކުޅެ ނިމުނު އިރު އެއް ވަނަ ޓީމުގެ ގޮތުގައި ކޮލިފައިން ބުރުގެ ޖާގަ ކަށަވަރު ކުރީ ނުވަ ޕޮއިންޓު ހޯދި ޕިލިޕީންސް އެވެ. އެ ގައުމަށް ގްރޫޕްގެ އެއް ވަނަ ލިބުނީ އިއްޔެ ތުރްކުމެނިސްތާން އަތުން 1-0 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ. އެހެން ނަމަވެސް މެޗުން ބަލިވި ތުރްކުމެނިސްތާނަށް ވެސް ކޮލިފައިން ބުރުން ޖާގައެއް ވަނީ ލިބިފަ އެވެ.

ތުރްކުމެނިސްތާނަށް ކޮލިފައިން ބުރުން ޖާގަ ލިބުނީ މުބާރާތުގެ ގަވާއިދު ބުނާގޮތުން ޖުމްލަ ފަސް ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން އެއްވަނަ އަށް އަންނަ ޓީމްތައް ކޮލިފައިވާ އިރު، ދެން މުބާރާތައް ކޮލިފައި ވާނީ އެ ފަސް ގްރޫޕުން ދެވަނަ އަށް އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ ޓީމުގެ ތެރޭގައި ހިމެނުމުންނެވެ. އެގޮތުން ތުރުކުމެނިސްތާނަށް ހަ ޕޮއިންޓާ އެކު ފައިދާ ނުވަ ގޯލް ވަނީ ލިބިފަ އެވެ. ދެން އެ ފުރުސަތު ލިބުނު ދެ ވަނަ ގައުމަކީ ގްރޫޕް ޑީ ފަޅިން ވާދަކުރި ބަގްލްދޭޝްއަށެވެ. އެގައުމަށް ހަ ޕޮއިންޓާ އެކު ފައިދާ ފަސް ގޯލް ކާމިޔާބު ކުރެވުނެވެ.

ކޮލިފައިން ބުރުގައި ދެން ވާދަ ކުރާ ގައުމުތަކަކީ ގްރޫޕް އޭފަޅިން ހަތް ޕޮއިންޓައެކު އެއްވަނަ މަގާމް ހޯދި މިޔަންމާ އާއި ގްރޫޕް ބީ ފަޅިން ނުވަ ޕޮއިންޓާ އެކު އެއް ވަނަ މަގާމް ހޯދި ކިރްގިސްތާނާއި ގްރޫޕް ސީ ފަޅިން ހަތް ޕޮއިންޓާ އެކު އެއް ވަނަ މަގާމް ހޯދި އަފްގާނިސްތާން އާ ގްރޫޕް ޑީ ފަޅިން ހަތް ޕޮއިންޓާ އެކު އެއް ވަނަ މަގާމް ހޯދި ޕަލަސްތީނެވެ. އަދި މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ރާއްޖެ އަށް ވަނީ މުބާރާތުން އޮޓޮމެޓިކް ޖާގައެއް ލިބިފަ އެވެ.

މުބާރާތް ކުޅެން އެފްއޭއެމުން ނިންމާފައި ވަނީ ގަލޮޅު ރަސްމީ ދަނޑާއީ އައްޑު ސިޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމެވެ. އަދި މިމުބާތުގެ ޗެމްޕިއަންޓީމަށް އޭޝިއަން ކަޕުން ޖާގަ ލިބޭނެ އެވެ.

ކުރިއަރަމުން އަންނަ ގައުމުތަކަށް އިސްކަން ދީގެން އޭއެފްސީ އިން ބާއްވާ މުބާރާތް އެންމެ ފުރަތަމަ 2006ގައި ބޭއްވީ ބަންގްލަދޭޝްގަ އެވެ. އޭގެ ފަހުން 2008ގައި އިންޑިއާގައި 2010 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި އިރު 2012 ވަނަ އަހަރު ބޭއްވީ ނޭޕާލުގަ އެވެ.