މަރުވެފައި ވާ އެތައް ހާސް ޑިނގާތަކެއް ޗިލީގެ ކޮރޮނެލް ސިޓީގެ ބީޗަށް ލައްގަމުން ދާތީ، އެ މައްސަލަ ތަހުގީގު ކުރާން ފަށައިފައި ވާ ކަމަށް ޗިލީގެ ސަރުކާރުން ބުނެފި އެވެ.

މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ޗިލީގެ ވެރިރަށް ސެންޓިއާގޯއާ 330 މޭލު ބޭރުގައިވާ ކޮރޮނެލް ސިޓީގެ ގޮނޑުދޮށަށް މަރުވެފައިވާ ޑިނގާގެ އިތުރުން ކަކުނީގެ ވައްތަރުތައް ވެސް ލައްގަމުން ދާ ކަމަށް ބީބީސީން ބުނެއެވެ.

މިސަރަހައްދުގެ ބައެއް މަސްވެރިން ބުނީ ކޮރޮނެލް ސިޓީގައި ކަރަންޓު އުފައްދާއިރު ފިނި ކުރުމަށް ޓަކައި ބޭނުންކުރަނީ ކަނޑުން ފެން ނަގައިގެން ކަމަށާއި، ޑިނގާތަކާއި ކަކުނިތައް މަރުވަމުންދަނީ ފިނި ކުރުމަށް ބޭނުން ކުރުމުގެ ސަބަބުން ފެނަށް އަންނަމުން ދާ ބަދަލުތަކެއްގެ ސަބަބުން ކަމަށެވެ.

ކޮރޮނެލްގެ ކަރަންޓު އުފައްދާ ކުންފުނިން މި ތުހުމަތުތަކަށް އެއްވެސް ރައްދެއް ދީފައި ނުވާއިރު، ޗިލީގެ ސަރުކާރުން ބުނީ ޑިނގާ އާއި ކަކުނި މަރުވަމުން ދާ މައްސަލަ ތަހުގީގު ކުރުމުގެ ގޮތުން ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނު މިނަށް އައިސްފައިވާ ބަދަލުތަކާއި، ލޮނުގަނޑުގައި އޮކްސިޖަން ހުރި މިންވަރުތައް ބަލަމުންދާ ކަމަށެވެ.

މިހާތަނަށް ކޮރޮނެލްގައި ދިމާވެފައި ނުވާ މިންވަރުގެ ބޮޑު ތިމާވެށީގެ ކާރިސާއެއްގެ ގޮތުގައި އެސަރަހައްދުގެ މަސްވެރިން މިކަންތައް ސިފަކުރަމުންދާއިރު، ބައެއް ފަރާތްތަކުން ވަނީ މިއީ މައިގަނޑު ގޮތެއްގައި ޕެސިފިކް ކަނޑުގެ ސަރަހައްދުތަކަށް އަސަރުކުރާ އެލްނީނޯގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއް ކަމަށެވެ.

އެލްނީނޯއަކީ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މައްޗަށް ދާ ދިއުމަށް ސައެންސްވެރިން ކިޔާ ނަމެވެ.

ކޮރޮނެލްގެ މަސްވެރިން ބުނީ އެންމެ ބޮޑު ކަންބޮޑުވުމަކީ، ޑިނގާތައް މިގޮތަށް މަރުވަމުން ދާ ނަމަ، މަސްވެރިކަން ރަނގަޅު ވާ ދުވަސްކޮޅު އަންނައިރު މޫދުން ޑިނގާ ހުސްވުމުގެ ބިރު ހީވެފައިވުން ކަމަށެވެ.