26 Mar 2013, 23:07
ހުޅުމާލޭ ކޯޓަކާމެދު އެއްވެސް މިންވަރަކަށް ޝައްކު އުފެދިގެން ނުވާނެ ކަމަށާއި އެ ކޯޓަށް އައްޔަންކޮށްފައިވާ ފަނޑިޔާރުންގެ ބެންޗާމެދު ޖޭއެސްސީން ކަންކޮށްފައިވާ ގޮތުން އެ ކޮމިޝަނުގެ ނިޔަތާއިމެދު ސުވާލު އުފެދޭ ކަމަށް އެ ކޯޓު ހިންގެވުމާ ކުރިން ހަވާލުވެ ހުންނެވި ކ. އަތޮޅުގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ސަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް މިއަދު ހާޒިރުވެވަޑައިގެން ގާޒީ ސަމީރު ވިދާޅުވީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓެއް އުފެއްދުމަށްފަހު އެ ކޯޓު ހިންގުން ވަގުތީ ގޮތުން އޭނާއާ ހަވާލުކުރުމުން އެ ކޯޓަކީ ގާނޫނަކުން އުފެދިފައިވާ ކޯޓެއްތޯ ކަނޑައަޅާ ދިނުމަށް އެދި ސްޕްރީމް ކޯޓަށާއި ޖޭއެސްސީއަށް ސީޓީއަކުން ދެންނެވި ކަމަށެވެ. ސްޕްރީމް ކޯޓަށް އޭނާ ފޮނުއްވެވި ސިޓީގެ ކޮޕީ ކޮމެޓީގެ މެންބަރުންނާއި ސަމީރު މިރޭ ހިއްސާ ކުރެއްވި އެވެ.
ސަމީރު ވިދާޅުވީ ޗުއްޓީއަށް ވަޑައިގެންނެވުމުން އެ ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލު ކުރީ ހުރާ ކޯޓުގެ ގާޒީ މުސާ ނަސީމަށް ކަމަށާއި އޭރު ހުޅުމާލޭ ކޯޓުގައި ދެ ފަނޑިޔާރުން ތިއްބެވި ކަމަށެވެ.
ސަމީރު ވިދާޅުވީ އިސް މެޖިސްޓްރޭޓް ގޮތުގައި ވަގުތީ ގޮތުން މޫސާ ސަމީރު ހުންނެވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުށަހެޅި ދައުވާ ގުޅިގެން އެ މައްސަލަ ބެލުމަށް ނަސީމް ވެސް ހިމެނޭ ގޮތައް ހުށަހެޅި ބެންޗްގެ ބަދަލުގައި ޖޭއެސްސީ އެހެން ބެންޗެއް ކަނޑައަޅާފައި ވަނީ ކޮންގޮތަކުންކަން ސާފްކޮން އެނގެން ނެތް ކަމަށެވެ.
އެ ކޯޓުގައި މޫސާ ނަސީމް ހުންނަވަނިކޮށް އޭނާ އެ ކޯޓުން ބޭރުކޮށް އދ. މަހިބަދޫއަށް ކުއްލި ގޮތަކަށް ބަދަލުކޮށްފައިވާ ގޮތާއި "މާދުރު ހިސާބަކުން" މެޖިސްޓްރޭޓުންގެ ގެނެސް ޖޭއެސްސީން ހުޅުމާލެ ބެންޗެއް ކަނޑައަޅަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަންތައް އެގޮތައް ހިނގާފަވަނިކޮށް ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުގެ ގާނޫނީ ހައިސިއްޔަތު ގޮތެއް ކަނޑައަޅުއްވާ ދެއްވާތޯ ދެ ވަނަ ފަހަރަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހަ ވަނަ ދުވަހު ސްޕްރީމް ކޯޓުގައި އެދިފައިވާ ކަމަށެވެ.
ހުޅުމާލެ ކޯޓާއިމެދު އަވަސް ހައްލެއް ހޯދައިދެއްވުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްފަނޑިޔާރުގެ ގޮތުގައި ހުންނަވައިގެން ޖޭއެސްސީއަށް ވެސް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް ޖޭއެސްސީން މިހާތަނަށް ވެސް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ.