ސައިކަލެއްގައި ދިޔަ ބަޔަކު ދަބަހެއް ފޭރިގަނެގެން ފިލަން އުޅެނިކޮށް ކާރެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެ ހާދިސާ ހިންގާފައި ވަނީ މިރޭ އިރާކޮޅު 9:41 ހާއިރު ގަލޮޅު މަދުރަސާ ކައިރިން ހިނގައިފައި ދިޔަ އަންހެން ކުއްޖެއްގެ ދަބަހެއް ފޭރިގަނެގެން ފިލަން ވެގެން ސައިކަލުގައި ދަނިކޮށް، ޔޫއެން ބިލްޑިން ކައިރިން ބުރުޒުމަގުން ދުއްވާފައި ދިޔަ ކާރެއްގައި ޖެހިގެންނެވެ.

މަންޒަރުދުއް މީހަކު ބުނީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ޔޫއެން ބިލްޑިން ކައިރިން ބުރުޒުމަގުން ދުއްވާފައިދިޔަ ކާރަކުން ނައްޓާލައިގެން ދާން އުޅުމުގެ ތެރޭގައި ކާރުގެ ވައަތް ފަރާތުގައި ޖެހިގެން ކަމަށެވެ. އަދި ކާރުގައި ޖެހުމުން ސައިކަލް ކޮންޓްރޯލް ނުކުރެވިގެން ގޮސް ޕާކުކޮށްފައި ހުރި ނުވަ ވަރަކަށް ސައިކަލްތަކެއްގައި ޖެހި، ބޮޑެތި ގެއްލުންވެފައިވާ ކަމަށެވެ. ނަމަވެސް އެކްސިޑެންޓް ހިންގުމާއެކު އެ ސައިކަލްދުއްވަން ތިބި މީހުން ވެއްޓުނުމާއެކު ތެދުވެގެން ދުވެ ފިލާފައިވާ ކަމަށެވެ. އެ މީހުންނަށް ހާނިކައެއް ލިބުނު ކަމެއް ވެސް ނޭނގޭ ކަމަށް މަންޒަރުދުއް މީހުން ބުންޏެވެ.

ފުލުހުން މީޑިއާ އޮފިޝަލަކު ބުނީ ދަބަހެއް ފޭރިގަނެގެން ފިލަން އުޅުނު ދެ މީހަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ކާރެއްގައި ޖެހިގެން ނޫން ކަމަށާއި އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ޕާކްކޮށްފައިވާ ސައިކަލުތަކެއްގައި ޖެހިގެން ކަމަށެވެ.

ސަންގެ ނޫސްވެރިން އެކްސިޑެންޓު ހިނގި ސަރަހައްދަށް ދިޔައިރު ފޭރުނު ކަމަށް ބުނާ މީހުންގެ ފައިވާންތައް ވެސް އެތަނުގައި ހުއްޓެވެ. އަދި އެ މީހުންގެ އަތުން ބިންމައްޗަށް ވެއްޓުނު ކަމަށް ބެލެވޭ ވަޅި އަކާއި ވޮލެޓެއް ވެސް އޮތެވެ. ފުލުހުން ދަނީ މިހާރު އެ ސަރަހައްދުގެ މަގުތައް ބަންދުކޮށް، އެ ސަރަހައްދުގައި ހަރަކާތެރިވަމުންނެވެ.