ޖަސްޓިސް ބިލްޑިންގް ސަރަހައްދުގައި މިއަދު ފޮޓޯ ނަގަމުން ދިޔަ ސަން އޮންލައިންގެ ނޫސްވެރިޔާ ހައްޔަރުކުރީ މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމުގެ ބޭނުމުގައި ނޫން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ފުލުހުންގެ އިދާރާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަދުގެ ހާދިސާ އެ ގޮތަށް ހިނގާފައިވީ ނަމަވެސް އެކަމަކީ އެއްވެސް ހާލެއްގައި މީޑިއާގެ ނުވަތަ ނޫސްވެރިކަމުގެ މިނިވަންކަމަށް ކަނޑައެޅިގެން ހުރަސްއެޅުމަށް ކޮށްފައިވާ ކަމެއް ނޫން ކަމަށާއި އަދި އެފަދަ ކަމެއް އެ މުއައްސަސާ އިން ނުކުރާނެ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ ސަންއޮންލައިންގެ ނޫސްވެރިޔާ ހައްޔަރު ކުރުމަށް ފަހު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ގެންގޮސް އޭނާ އެތަނަށް ގެންނަން ޖެހުނު ސަބަބު އޮޅުންފިލުވައި ދިނުމަށް ފަހު ހައްޔަރުކުރުމަކާ ނުލައި ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެވަގުތު އެތަނުގައި ތިބި ފުލުހުންނާއި ސަންގެ ނޫސްވެރިޔާއާ ޚިޔާލު ތަފާތުވުމާ ގުޅިގެން ހިނގާފައިވާ އެ ހާދިސާގައި ފުލުހުން އަމަލުކޮށްފައި ވަނީ ޤާނޫނާއި ފުލުހުން ހަދާފައިވާ ޤަވާއިދުތަކާ އެއްގޮތަށްތޯ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ޑައިރެކްޓްރޭޓުން ބަލަމުންދާ ކަމަށެވެ.

"ސަން އޮންލައިން"ގައި ކޯޓް ހަބަރުތައް ކަވަރުކުރާ ނޫސްވެރިޔާ އަހުމަދު އާޒިފު މިއަދު ހައްޔަރުކޮށްފައި ވަނީ އޭނާ ޖަސްޓިސް ބިލްޑިންގެ ބޭރުގައި ފޮޓޯ ނަގަމުން ދަނިކޮށް ފާސް ކަރުގައި އަޅައިގެން ނޫނީ ފޮޓޯ ނުނެގުމަށް ފުލުހުން އެންގުމުން އޭނާ އެކަމަށް އިންކާރު ކުރުމުންނެވެ. ނަމަވެސް އާޒިފު ވަނީ އޭނާގެ މީޑިއާ ފާސް ފުލުހުންނަށް ދައްކައި އޭނާއަކީ ނޫސްވެރިއެއްކަން ސާބިތުކޮށްދީފަ އެވެ.

ޖަސްޓިސް ބިލްޑިންގެ ބޭރު ސަރަހައްދަކީ ފޮޓޯ ނެގުން މަނާ ސަރަހައްދަކަށް ވެސް ނުވާ އިރު އެކަމުގައި އާޒިފަށް އިންޒާރުތައް ދިނުމަށް ފަހު އެ އިންޒާރަށް އާޒިފު ތަބާ ނުވުމުން ހައްޔަރުކޮށް، ގަލޮޅު ވިލީ ފުލުހަށް ގެންދިއުމަށް ފަހު ދޫކޮށްލި އިރު އޭނާ ލައްވައި ސޮއިކުރުވި، ދޫކޮށްލި ކަމުގެ ލިއުމުގައި ވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ބުނެފަ އެވެ.

ޖަސްޓިސް ބިލްޑިންގެ ބޭރުގައި މިއަދު ތިބި ނޫސްވެރިންގެ ތެރެއިން ފާސް އެޅުމަށް ފުލުހުން އަންގާފައި ވަނީ ހަމަ އެކަނި އާޒިފަށެވެ.