16 Mar 2010, 16:18
19:00
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ މައްސަލާގައި އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލަކު ޝަރީއަތަށް ހާޒިރުވެފައިނުވަނީ އެ މައްސަލަ ދިގުދަންމައި، މައްސަލަ ލަސްކުރުމަށް ކަމަށް ސިވިސް ސާވިސް ކޮމިޝަނުން ބުނެފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަންގެ ނިންމުމާ އެއްގޮތަކަށް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އިޔާދަނުކުރި މައްސަލާގައި އެ ކޮމިޝަނުން ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ކުރާ ދައުވާގައި އެންމެ ފަހުން އޮތް ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ސިވިލް ސާވިސް ކޮމިޝަނުގެ ދައުވާ އަށް ޖަވާބުދާރީވުމަށްޓަކައި ދިގު މުއްދަތެއް ބޭނުންވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން އެދިވަޑައިގަތުމުން އެކަމަށްޓަކައި މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ އެކަށީގެންވާ މުއްދަތެއް ދެއްވާފައި ކަމަށެވެ. ނަމަވެސް އިއްޔެގެ ޝަރީއަތުގެ މަޖުލިހަށް ދައުލަތުން ބަޔާން ހުށަހެޅުމަށް ތާވަލްކުރެވިފައި ވަނިކޮށް ދައުލަތުގެ ވަކީލަކު ވަޑައިނުގެންނެވީ ގަސްތުގައި މައްސަލަ ދިގުދެންމުމަށް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން ދައުލަތުގެ ބަންޑާރަ ނައިބު ހުސްނުއްސޫދު މިއަދު ވިދާޅުވީ އެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީ އާއި ސިވިލް ސާވިސް ކޮމިޝަނާއެކު މަޝްވަރާކުރުމަށް އެ މައްސަލަ މަޑު ޖައްސައިދެއްވުމަށް އެދި ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ކޯޓުން އެގޮތަށް ނިންމަވައިދެއްވާފައިވާ ކަމަށް އެ ދުވަހު ކޯޓަށް ވަޑައިގެންނަވަން ހަމަޖެހިފައިވާ ވަކީލަށް ޤަބޫލްކުރެވިގެން އެ ކަންތައް އެގޮތަށް ދިމާވީ ކަމަށާއި އެއްވެސް ހާލެއްގައި ވަކީލް ކޯޓަށް ހާޒިރުވެވަޑައިނުގެންނެވީ ގަސްތުގައި މައްސަލަ ދިގުދެންމުމަށް ނޫން ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އިޔާދަނުކުރި މައްސަލައިގައި ފިނޭންސް މިނިސްޓްރީގެ މައްޗަށް ސިވިލް ސާވިސް އިން ކުރާ ދައުވާގެ އިއްޔެ އޮތް ޝަރީއަތުގެ މަޖިލީހަށް ދައުލަތުގެ ވަކީލަކު ހާޒިރުވެވަޑައިނުގަތުމުން ޤާޟީ ޝަރީޢަތް ކެންސަލް ކުރައްވައި އެޓާނީ ޖެނެރަލް އޮފީސް 75 ރުފިޔާ އިން ވަނީ ޖޫރިމަކޮށްފަ އެވެ.