26 Mar 2013, 21:22
މާރާމާރީ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުންދިޔަ ގ. މަސްއޮޑިގޭ އިޙްސާނުއްދީން ރަޝީދު ގެއެއްގެ ތެރޭގައި ފިލައި ހުއްޓައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އުމުރުން 30 އަހަރުގެ އިހުސާނުއްދީން ރަޝީދު ހައްޔަރުކޮށްފައި ވަނީ ފުލުހުންނަށް ފިލައިގެން ގޮސް ގ. މަސްދޮށިގޭގައި އޭނާ ހުރި ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެގެ ބަލައި ފާސްކުރުމަށް ފަހު، މިރޭގެ ވަގުތެއްގައި ކަމަށެވެ.
ފުލުހުން އިހުސާނުއްދީން ރަޝީދު ހޯދަން އިއުލާންކޮށްފައި ވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު ގްރޫޕް ހަދައިގެން ގޮސް މާލޭގެ ގެއެއްގެ ދޮރު ހަލާކުކޮށްލައި އެގޭތެރެ އަށް ވަދެ އެގޭގައި ނިދާފައި ތިބި ދެ މީހެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.
އިހުސާނުއްދީން ރަޝީދު އަކީ މަސްތުވާތަކެތީގެ އިތުރުން ގިނަ އަދަދަކަށް މާރާމާރީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.