އިންޑިއާގެ ދެމަސްވެރިއަކު މަރާލި އިޓަލީގެ ދެސިފައިން އިންޑިއާއާ ހަވާލުކުރަން ނިންމި މައްސަލައާ ގުޅިގެން އިޓަލީގެ ފޮރިން މިނިސްޓަރު ޖޫލިއޯ ޓާޒީ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އިޓަލީގެ ގާނޫނު ހަދާ މަޖިލީހުގައި އިސްތިއުފާ ދެއްވިކަން އިއުލާންކުރައްވަމުން ޖޫލިއޯ ޓާޒީ ވިދާޅުވީ އިޓަލީގެ ސަރުކާރުން ޓާޒީގެ ވާހަކަ އަޑުއަހާފައި ނުވާ ކަމަށާއި، އިސްތިއުފާ ދެއްވަން ނިންމީ އިޓަލީގެ ސިފައިން އިންޑިއާއާ ހަވާލުކުރަން ނިންމި މައްސަލައާ ގުޅިގެން ކަމަށެވެ.

އިޓަލީއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން މިމައްސަލައިގެ ސަބަބުން ހީނަރުވެގެން ގޮސްފައިވާއިރު، މިމައްސަލައަކީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ހިނގާދިޔަ ހާދިސާއަކާ ގުޅިގެން އުފެދިފައިވާ މައްސަލައެކެވެ.

ތެޔޮ ބަރުކޮށްގެން ދަތުރުކުރި އިޓަލީގެ ކޮންޓެއިނަރަކާއެކު ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ދަތުރުކުރި އިޓަލީ މަނަވަރަކުން ކެރަލާގެ ބޭރުން ބޯޓަކަށް ހަމަލާ ދީފައި ވަނީ އެބޯޓަކީ ކަނޑު ފޭރޭ ބޯޓެއް ކަމަށް ހޯކޮށެވެ. ނަމަވެސް އޮބޯޓަކީ އިންޑިއާގެ ދެމަސްވެރިއަކު މަހަށް ނުކުމެ އުޅުނު ބޯޓެކެވެ. އަދި ހަމަލާގައި ދެމަސްވެރިން ވެސް ވަނީ މަރުވެފަ އެވެ.

މިހާދިސާއާ ގުޅިގެން އިންޑިއާއިން ވަނީ ބަޑި ޖެހި ކަމަށް ބުނާ ދެސިފައިން ކަމަށްވާ މަސިމިލިއާނޯ ލަޓޯރޭއާއި، ސަލްވަޓޯރު ގިރޯން ހައްޔަރުކޮށްފަ އެވެ.

މިދެސިފައިން އިޓަލީއަށް ދަތުރުކޮށްފައި ވަނީ އިންޑިއާގެ ސުޕްރީމް ކޯޓުގެ ހުއްދައާ އެކު އިޓަލީގައި ކުރިއަށް ދިިޔަ އާއްމު އިންތިހާބުތަކުގައި ވޯޓު ލުމަށެވެ.

ވޯޓު ލުމަށްފަހު، ދެސިފައިން އެނބުރި އިންޑިއާއާ ހަވާލުކުރުމަށް އިޓަލީއިން އެއްބަސްވި ނަމަވެސް، އެގައުމުން ވަނީ މިހާތަނަށް މިކަމާ ދެކޮޅު ހަދާފަ އެވެ. މިއާއެކު އިޓަލީއާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި ވަނިކޮށް، އިންޑިއާގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނީ ދެސިފައިން އިންޑިއާއާ ހަވާލުކުރަންދެން އިންޑިއާގައި ހުންނަ އިޓަލީގެ އެމްބަސެޑަރަށް އިންޑިއާ ދޫކޮށް ނުދެވޭނެ ކަމަށެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކުރުން، އިޓަލީއިން މިދިޔަ ބުރާސްފަތި ދުވަހު ބެނެފައި ވަނީ ދެސިފައިން އިންޑިއާއާ ހަވާލުކުރާނެ ކަމަށެވެ.