ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރާއްޖެ ޓީވީގެ އިސްވެރިން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް މިއަދު ހާޒިރު ކޮށްފި އެވެ.

މީޑިއާ ކައުންސިލުން ބުނީ އެ ދެ ފަރާތް މިއަދު އެ ކައުންސިލަށް ހާޒިރު ކުރީ ރާއްޖޭގެ މީޑިއާތަކުގެ މެދުގައި ތަފާތުކުރުންތައް ނުގެންގުޅުމަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މީޑިއާތައް ބައިވެރިކޮށްގެން ބާއްވާ އިވެންޓްތަކަށް ދައުވަތާއި ފުރުސަތު ދިނުމުގައި ރާއްޖެޓީވީއާ މެދު ތަފާތު ނުކުރުމަށް ތަކުރާރުކޮށް އެ ކައުންސިލުން އެދި ގޮވާލައިފައިވާ ގޮވާލުންތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިޖާބަ ދެއްވައިފައި ނުވާތީވެ، އެ މައްސަލަ ކައުންސިލުގެ ގާނޫނީ އިމުގެ ތެރެއިން އެހެން މަރުހަލާ އަކަށް ގެންދިއުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތް ކުރުމަށް ކަމަށެވެ.

އެ ކައުންސިލުން ބުނީ އެ ދެ ފަރާތް ހާޒިރު ކުރުމަށް ފަހު މެމްބަރުން ކުރި ސުވާލުތަކަށް ދެ ފަރާތުން ދީފައިވާ ޖަވާބުގެ އަލީގައި ތައްޔާރުކުރާ ރިޕޯޓެއް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމެޓީ އަކަށް ފޮނުވުމަށް ކައުންސިލުން ނިންމާފައިވާތީ އެކަން ކުރުމުގެ މަސައްކަތް ވެސް އެ ކައުންސިލުން މިހާރު ފަށާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކައުންސިލަށް ވަޑައިގަތީ އެ އޮފީހުގެ ޑެޕިއުޓީ އަންޑާ ސެކްރެޓެރީ މުޙައްމަދު ސައީދު މޫސާ ވަޖުދީ އެވެ. ރާއްޖެ ޓީވީގެ ފަރާތުން ވަޑައިގަތީ އެ ސްޓޭޝަންގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ ޔާމީން ރަޝީދުއެވެ.