26 Mar 2013, 18:22
އުމްރާގެ މާތް އަޅުކަން އަދާ ކުރުމަށް ޓަކައި އެސްބީޓީ ހައްޖު އެންޑް އުމްރާ ގުރޫޕަށް ފައިސާދެއްކި 34 މީހަކަށް އުމްރާއަށް ނުދެވިގެން އެ މައްސަލަ ފުލުހުނަށް ހުށަހަޅައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް ވިދާޅުވީ އުމުރާއަށް ގެންގޮސް ދޭނެ ކަމަށް ބުނެ އެސްބީޓީ ގުރޫޕުން ފައިސާ ނެގުމަށް ފަހު އެ މީހުނަށް ނުފުރި އެ ގުރޫޕުގެ ހަބަރެއް ނުވެގެން 34 ފަރާތަކުން އެ މައްސަލަ މިއަދު ފުލުހުނަށް ހުށަހަޅައިފައި ވާ ކަމަށާއި އަދި މިހާރު އެމައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.
އުމުރާއަށް ދިއުމަށް އެސްބީޓީ ގުރޫޕަށް ފައިސާ ދެއްކި މީހަކު ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ސަން އޮންލައިނާ ވާހަކަ ދައްކަމުން ބުނީ މިއަދަކީ އެމީހުން އުމުރާގެ އަޅުކަން އަދާ ކުރުމަށް ޓަކައި ފުރާން ހަމަޖެހިފައި ވާ ދުވަސް ކަމަށެވެ. ނަމަވެސް މިއަދު ފުރާން ދާން ތައްޔާރު ވި ފަހުން އެ ގުރޫޕުން ގުޅައި ފުލައިޓް ހަލާކު ވެގެން ދަތުރު ލަސް ވެއްޖެ ކަމަށް ބުނެފައި ވާ ކަމަށެވެ. އަދި ފަހުން ހަބަރެއް ވާނެ ކަމަށް އެ ގުރޫޕުން ބުނެފައި ވާ ކަމަށާއި ނަމަވެސް މިހާރު އެއްވެސް މުއާމަލާތެއް އެ ގުރޫޕާ ނުކުރެވޭ ކަމަށެވެ.
"މިއަދު ބުނީ ފުލައިޓް ހަލާކު ވެގެން ފުރޭކަށް ނެތޯ، ދެން ދެ ގަޑި ބައިގެ ފަހުން ހަބަރެއް ވާނަމޯ، ނަމަވެސް މިހައި ތަނަށް ވެސް އެއްވެސް ހަބަރެއް ނުވޭ، އަޅުގަނޑުމެން ދެން ސްރީލަންކަން އެއާލައިންސަށް ގުޅައި ބެލިއިރު މި އޮންނަނީ ޓިކެޓަށް ވާ ފައިސާ ނުދައްކައި،" އެމީހާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ އެ ޖަމާއަތުން މުޅި ޖުމުލަ 34 ބޭފުޅުން ދިއުމަށް ހަމަޖެހިފައި ވާ އިރު ކޮންމެ މީހަކަށް ވެސް 20000ރ. ދައްކައިފައި ވާ ކަމަށެވެ. އަދި އޭނާ ވަނީ ފައިސާ ދައްކައިފައި ވާ ސުލިޕްތަކާއި އެސްބީޓީން ދީފައި ވާ ދަތުރު ޝެޑިއުލް ސަންގެ ނޫސްވެރީންނަށް ދައްކައިފައެވެ.
އެސްބީޓީ ހައްޖު އެންޑް އުމުރާ ގުރޫޕަށް ސަންއިން ގުޅުމުން ފޯނަށް ޖަވާބު ނުދެއެވެ. އަދި އެކަމުގައި އިސްލާމިކް މިނިސްޓްރީގެ ބަހެއްވެސް ވަނީ އަދި ލިބޭގޮތް ނުވެފައެވެ.
އުމުރާއަށް ބަޔަކު ނުދެވިގެން އެމައްސަލަ ފުލުހުނަށް ހުށަހަޅައިފައި ވާ އިރު މިދިޔަ އަހަރު ވަނީ ހައްޖަށް މީހުން ގެންގޮސް ދޭނެ ކަމަށް ބުނެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މީހަކު ހައްޔަރު ކޮށްފައެވެ. އެ މީހަކީ މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފެވެ. އޭނާ ވަނީ 126 މީހެއްގެ އަތުން އަށް މިލިއަނަށް ވުރެ ގިނަ ފައިސާ ނަގައިފައެވެ. އަދި އެ މައްސަލައިގެ ޝަރީއަތް މިހާރު ދަނީ ކުރަމުންނެވެ.