26 Mar 2013, 18:06
ކައިވެރިނުކޮށް ލިބުނު ދަރިފުޅާ މެދު އިހުމާލުވުމުގެ ސަބަބުން އެ ދަރިފުޅު މަރުވި ކަމަށް ބުނެ ކުއްޖާގެ މަންމަގެ މައްޗަށް "ކުއްޖަކު މަރާލުމުގެ" ކުށުގެ ދައުވާ އުފުލައިފި އެވެ.
އެ ދައުވާ ކޮށްފައި ވަނީ ކ. ގުރައިދޫ ދޫރެސް އާމިނަތު އަޒުފާގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ އަޒުފާގެ މައްޗަށް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގެ ހަވީރު 4:30 ހާއިރު މާލޭގެ ގެއެއްގެ ފާޚާނާ ތެރޭގައި އޭނާ ވިހެއި ދަރިފުޅާމެދު އޭނާ އިހުމާލުވުމުގެ ސަބަބުން އޭޕްރީލް މަހު ތެރޭގައި އެ ދަރިފުޅު މަރުވެފައި ވާތީ ކަމަށެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ ވިހެއުމަށްފަހު އެ ކުއްޖާއަށް އަޒުފާ އަޅާނުލައި، ވެކްސިން ނުދީ އަދި ކުއްޖާއަށް ދޮޅުމަހުގައި ފެން ބޯން ދީފައިވާ ކަމަށާއި އެކަންކަމުގެ ސަބަބުން ހިކި އަނަރޫފަވެ ކުއްޖާ މަރުވީ ކަމަށެވެ.
އެ ދައުވާއަށް ޖަވާބުދާރީ ވަމުން އަޒުފާ ބުނީ އޭނާ ދަރިފުޅަށް އިހުމާލުވެފައި ނުވާނެ ކަމަށާއި އޭނާގެ ފަސް ދަރިންނެކޭ އެއް ފަދައިން އެކުއްޖާ ދެކެ ވެސް އޭނާ ލޯބިވާ ކަމަށެވެ. އަދި އެކުއްޖާއަށް ގާތުން ކިރުދިނުމުގެ އިތުރުން ވެކްސިން ދީފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ދައުވާ އަށް އަޒުފާ އިންކާރު ކުރުމުން ދައުލަތުން ވަނީ ދައުވާ ސާބިތު ކުރުމަށް އެކުއްޖާގެ މަރު ސާބިތުކުރި ލިޔުމާއި މެޑިކޯލީގޯ ރިޕޯޓު ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ.
އެ ކުއްޖާ މަރުވެފައި ވަނީ އެކުއްޖާއާ މެދު އިހުމާލުވެފައި ވުމުގެ ސަބަބުން ކަމަށް މަރުސާބިތު ކުރި ލިޔުމުގައި ޑޮކްޓަރު ބުނެފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
ކުއްޖަކު މަރާލުމުގެ ދައުވާގެ އިތުރުން އިތުރު ތިން ދައުވާއެއް ވެސް ދައުލަތުން ވަނީ އޭނާގެ މައްޗަށް އުފުލާފަ އެވެ. އެއީ ޒިނޭ ކުރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ އިތުރުން ދޮގު ހެކި ދިނުމުގެ ދައުވާ އެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ އަޒުފާގެ މައްޗަށް ޒިނޭގެ ދައުވާ ކޮށްފައި ވަނީ އޭނާގެ އިހުމާލުން މަރުވި ކުއްޖާ އަކީ 2011 ވަނަ އަހަރުގެ ތެރޭގައި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހަކާއި ޒިނޭކޮށްގެން ލިބުނު ކުއްޖެއް ކަމަށް ބުނެ ތަހުގީގުގައި އަޒުފާ އިއުތުރާފުވެފައި ވާތީ ކަމަށެވެ.
ޒިނޭގެ ދައުވާ އަށް ޖަވާބުދާރީވުމަށް ފުރުސަތު އެރުވުމުން އޭނާ ފުރަތަމަ ބުނީ ބޭނުންވަނީ ވަކީލަކު އައްޔަންކުރުމަށް ކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ ޒިނޭ އަކީ އިސްލާމްދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށަކަށް ވާތީ ފުރަތަމަ އަމިއްލައަށް ދައުވާ އަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ.
އެ ދައުވާއަށް ޖަވާބުދާރީވަމުން އަޒުފާ ބުނީ އެ ކުއްޖާއަކީ މީހަކާ ނުއިނދެ ލިބުނު ކުއްޖެއް ކަމަށާއި ނަމަވެސް އެ ކުއްޖާއަކީ މީހަކު އޭނާއާ ގަދަކަމުން ޖިންސީ ގުޅުން ހިންގުމުން ލިބުނު ކުއްޖެއް ކަމަށެވެ.
އެ މީހާ އަކީ މުހައްމަދު ކިޔާ މީހެއް ކަމަށާއި އެ މީހާ އޭނާއާ ގަދަކަމުން ޖިންސީ ގުޅުން ހިންގާފައި ވަނީ އިންނާނެ ކަމަށް ބުނެ އެއް ދުވަހަކު ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި ކަމަށް ވެސް އަޒުފާ ބުންޏެވެ.
އެ މައްސަލަ ކަމާ ބެހޭ ފަރާތަކަށް ހުށަހެޅިން ތޯ ގާޒީ އެއްސެވުމުން އަޒުފާ ބުނީ ބަލަންޖެހޭ ދަރިން ތިބުމުން އެ މައްސަލަ އެއްވެސް އިދާރާއަކަށް ހުށަހަޅާފައި ނުވާނެ ކަމަށެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ އޭނާގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކޮށްފައި ވަނީ ބަނޑު ބޮޑުވީއްސުރެނ ވިހެއުމާ ހަމައަށް ވެސް ޑޮކްޓަރަށް ދައްކާފައި ނުވާތީ އާއި ސިއްހީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އޭނާ އަޅާފައި ނުވާތީ ކަމަށެވެ.
އެ ދައުވާ ކޮށްފައި ވަނީ ކުޑަކުދީންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާ ހަވާލާދީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.
އެ ދައުވާ އަށް ޖަވާބުދާރީވަމުން އަޒުފާ ބުނީ ބަނޑަށް ނުވަ މަސް ވީއިރު ވެސް ބަލިވެ އިންކަމެއް އެނގިފައި ނުވާ ކަމަށެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ އަޒުފާގެ މައްޗަށް ދޮގު ހެކި ދިނުމުގެ ދައުވާ ކޮށްފައި ވަނީ ކުއްޖާ ވިހެއުމަށް ފަހު އެ ކުއްޖާގެ ބައްޕައަކީ މިވެނި މީހެއް ކަމަށް ބުނެ ހޮސްޕިޓަލަށް އޭނާ މައުލޫމާތު ދިނުމުން ފޫޅުމާ ފޯމުގައި އެގޮތަށް ނަންޖެހުމުން އަޒުފާ އަމިއްލައަށް ނަން ކަނޑާލާފައި ވާތީ ކަމަށެވެ.
އެ ދައުވާއާ ގުޅިގެން ގާޒީ ވަނީ އޭނާ އެދުނުގޮތަށް ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ދީފަ އެވެ.
ޗިޓު ފޮނުވުމުން ކޯޓަށް ހާޒިރު ނުވީ ކީއްވެތޯ ގާޒީ އެއްސެވުމުން އޭނާ ބުނީ އެއީ ކޮންތަނަކުން ފޮނުވި ކޮންއެއްޗެއް ކަމެއް އޭނާ އަށް ނޭނގޭ ކަމަށެވެ. ގަޒީ ވިދާޅުވީ އޭނާ އިތުރަށް ބަންދުގައި ބަހައްޓަން އަމުރު ނުކުރީ ފަސް ދަރީންގެ ހައްގުގައި ކަމަށާއި ނަމަވެސް ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަށް އޭނާ ހާޒިރު ނުވެއްޖެނަމަ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާނެ ކަމަށެވެ.
ކުއްޖަކު މަރާލުމުގެ ދައުވާގެ ޝަރީއަތް ކުރިއަށް ދިޔަ ވަގުތު އަޒުފާ ދިޔައީ ގިސްލާފައި ރޮމުންނެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އަންނަ ޝަރީއަތުގެ މަޖިލީހަކަށް ވަކީލަކާ އެކު ހާޒިރުވެ ދައުވާ އަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.