26 Mar 2013, 17:40
ސިއްހީ ހިދުމަތް ދިނުމަށް ބޭނުންކުރާ "ބައެއް ކަހަލަ ބޭސްތަކެއް" ސޯސަންމަގުގައި ހުންނަ ޕޮއިންޓް ތްރީ ފާމަސީގެ ފާހާނާގެ ތެރޭގައި ބަހައްޓާފައި ހުރުގެން މޯލްޑިވްސް ފުޑް އެންޑް ގްރަގް އެތޯރިޓީން ބަންދުކޮށްފި އެވެ.
އެ އޮތޯރިޓީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޕޮއިންޓް ތްރީ ފާމަސީ ބަންދުކުރީ ގަވާއިދާ ހިލާފަށް އެތަނުގެ ތެރޭގައި ކަންތައްތަކެއް ހުރިކަން އެތަނަށް އިންޕެކްޝަނަށް ދިޔަ ޓީމަށް ފާހަގަކުރެވިގެން ކަމަށެވެ. ނަމަވެސް އެއީ ސީދާ ކޮން ކަމެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އެ ފާމަސީ ބަންދުކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އެވެ.
ޕޮއިންޓް ޕާމަސީގެ ސީއީއޯ ހަމްޒާ ގާސިމް މިއަދު ސަން އަށް ވިދާޅުވީ އެތަން ބަންދުކުރީ ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިންސްޕެކްޝަނަށް އައިއިރު ޕޮއިން ތްރީ ފާމަސީގެ ފާހާނާގެ ތެރޭގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ ބައެއް ކަހަލަ ބޭސް ބަހައްޓާފައި ހުރެގެން ކަމަށެވެ. ނަމަވެސް އެތަނުގެ ތެރޭގައި ކާ އެއްވެސް ބޭހެއް ނުހުންނާނެ ކަމަށާއި އެތަނުގެ ތެރޭގައި ބަހައްޓާފައި ހުރީ ބައެއް ކަހަލަ "އޮއިންމަންޓްސް"ގެ އިތުރުން ބެންޑޭޖް ފަދަ އެއްޗެހި ކަމަށް ވެސް އެނާ ވިދާޅުވި އެވެ.
"ފާހާނާގެ ތެރޭގައި ބަހައްޓާފައި ހުރި ބައެއް ކަހަލަ ބޭސްތަކެއްގެ މައްސަލަ ޖެހުނީ، އޭގެތެރޭގައި ޓެބް ލެޓެއް ނުހުންނާނެ، ބައެއް ކަހަލަ ޓިއުބްއާ ސާޖިކަލް އެއްޗެހި މިހުރީ، ނަމަވެސް ބޭހޭ ބުނީމަ މި މައްސަލަ ޖެހުނީ،" ހަމްޒާ ވިދާޅުވި އެވެ.
ޕޮއިން ތްރީ ފާމަސީން ވަނީ އެތަނުގެ ތެރެއިން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ފާހަގަކުރި ކަންތައްތައް ރަނގަޅު ކުރުމަށް ފަހު އަލުން ހުއްދައަށް އެދި ހުށަހަޅައިފަ އެވެ.