26 Mar 2013, 17:19
ވައްކަމުގެ ކުށްތަކުގައި އަތް ކެނޑުމާއި އިސްލާމްދީނުން ބޭރުވެ، މުރުތައްދުވާ މީހާގެ ކުށުގެ އަދަބު ގާނޫނުލް އުގޫބާތުގެ ބިލުގައި ހިމެނުމަށް އެ ބިލް ދިރާސާ ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން މަޝްވަރާ ކުރަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިހާރު ދިރާސާ ކުރަމުންދާ ގާނޫނުލް އުގޫބާތަށް އެފަދަ ކުށްތަކުގެ އަދަބު ކަނޑައެޅުމަށް އެދިފައި ވަނީ އަދާލަތު ޕާޓީ އާއި އިސްލާމިކް މިނިސްޓްރީގެ ފިގުހު އެކަޑަމީންނެވެ. އެ ބިލަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އެ ދެ ފަރާތުން އެދުނު ހުށަހެޅުންތަކުގެ ތެރެއިން އަތް ކެނޑުމާއި މުރުތައްދުވުމުގެ އަދަބު ގާނޫނުލް އުގޫބާތުގައި ނުހިމެނުމަށް ކޮމެޓީން އަދި ނުނިންމާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.
ގާނޫނުލް އުގޫބާތުގެ ބިލް ދިރާސާ ކުރައްވާ ކޮމެޓީގެ މުގައްރިރު ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވިދާޅުވީ ގާނޫނުލް އުގޫބާތުގެ ޑްރާފްޓް ތައްޔާރުކޮށްފައި އޮތީ އިސްލާމީ ޝަރީއަތާ ހިލާފަށް ކަމަށް ވިދާޅުވެ، ދައްކަވާ ވާހަކަފުޅުތަކަކީ ހަގީގަތް އޮޅޭ ގޮތަށް ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި ވިދާޅުވީ ދީނުގެ ހައްދަކާ ހިލާފަށް ބިލުގެ އެއްވެސް މާއްދާއެއް ބައްޓަންކޮށްފައި ނުވާނެ ކަމަށާއި ބިލަށް ފާޑުކިޔާ ފަރާތްތަކުން އެކަން ކުރަމުންދަނީ ބިލް ރަނގަޅަށް ދިރާސާ ނުކޮށް ކަމަށް ހަމްޒާ ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުގައި ހަމްޒާ ވިދާޅުވީ މީހެއްގެ ރުހުމާ ނުލައި، ގަދަކަމުން ޒިނޭ ކުރާ މީހާ އެކުރަނީ ކުށެއް ކަމަށް ބިލުގައި ބަޔާންކޮށްފައި އޮތުމުން، ދެ މީހަކު ރުހިގެން ޒިނޭ ކުރުން ކަމަށް މާނަ ނުކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ގަދަކަމުން ޒިނޭ ކުރުމޭ ބިލުގައި ބަޔާންކޮށްފައި ވަނީ "ރޭޕް" ކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ ޒިނޭގެ އަދަބު ބިލުގައި ތަފްސީލީ ގޮތެއްގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.
ގާނޫނުލް އުގޫބާތުގެ ކޮމެޓީގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދު ވިދާޅުވީ މުރުތައްދުވުމާއި އަތްކެނޑުމުގެ އަދަބު ގާނޫނުލް އުގޫބާތުގައި ހިމެނުމަށް އޭނާ އެދޭ ކަމަށެވެ. އޭނާ ދެއްކެވި ވާހަކަފުޅަށް ބައެއް މެންބަރުން ތާއިދު ވެސް ކުރެއްވި އެވެ.
ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ އަދާލަތު ޕާޓީއާއި ފިހުގު އެކަޑަމީން ހުށަހަޅުއްވާފައިވާ ހިޔާލުތަކަކީ ގާތްގަނޑަކަށް އެއް ހިޔާލުތަކެއް ކަމަށެވެ. އަދި އެ ބޭފުޅުން ހިޔާލު ހުށަހުއްވާފައި ވަނީ އެ ބިލް ދިރާސާ ކުރެއްވުމަށްފަހުގައި ނޫން ކަމަަށް އޭނާ ވެސް ވިދާޅުވި އެވެ.
އެބޭފުޅުން ހުށަހެޅުއްވި ހިޔާލުތަކުގެ ތެރެއިން މުރުތައްދުވުމުގެ އަދަބާއި ޖުވާ ކުޅުމުގެ އަދަބު ގާނޫނުލް އުގޫބާތުގައި ހިމެނިފައި ނުވާ ކަމަށް އަބްދުލް އަޒީޒު ޖަމާލު އަބާބަކުރު އެއްބަސްވެވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވީ މުރުތައްދުވުމާއި ޖުވާ ކުޅުމުގެ އަދަބުގެ ގާނޫނުލް އުގޫބާތުގައި ހިމެނުމާމެދު ވިސްނަމުންދާ ކަމަށެވެ.
ކޮމެޓީން ނިންމާފައި ވަނީ މުރުތައްދުވުމުގެ އަދަބާއި އަތް ކެނޑުމާއި ޖުވާ ކުޅުމުގެ އަދަބު ގެނައުމުގެ މަޝްވަރާ ފަހުން ކުރުމަށެވެ. ކޮމެޓީން މިހާރު ކުރަމުންދާ މަސައްކަތަކީ ބަންޑާރަ ނައިބު އޮފީހުން ހުށަހަޅާފައިވާ އިސްލާހުތައް ބިލަށް ގެނައުމެވެ. ބަންޑާރަ ނައިބުގެ އޮފީހުން ބިލަށް ހުށަހަޅުއްވާފައި ވަނީ އިބާރާތްތައް ބަދަލު ކުރުމުގެ އިސްލާހުތަކެކެވެ.