26 Mar 2013, 16:42
ރާއްޖެ އަށް ދުންފަތާއި ސިނގިރޭޓްގެ ބާވަތްތައް އެތެރެކުރުމުގައި ލައިސަންސެއް ނެތި އެތެރެ ނުކުރެވޭ ގޮތަށް "ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ އާއްމު ގަވާއިދު" އަށް އިސްލާހެއް ގެނެސްފި އެވެ.
ސެންޓާ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލްގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު މިއަދު ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާއްމު ގަވާއިދަށް އިސްލާހެއް ގެނެސް އެ ގަވާއިދު ގެޒެޓް ކުރުމަށް މިހާރު ރަޢީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ގަވާއިދު ގެޒެޓްކުރެވުމުން ދުންފަތްކޮޓްރޯލް ކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިގޮތަށް ހަމަޖެހިގެން ދިޔައީމާ ދުންފަތުގެ ވިޔަފާރި ކުރުމުގައި ގަވާއިދާ ހިލާފުވެގެންދާ ދިއުން ކޮންޓްރޯލް ކުރެވޭނެ. އެއީ އެމީހުންގެ އެ ވިޔަފާރިތަކާއި މި ލައިސަންސާ ގުޅިފައި ވާތީ، އަނެއްކާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ވެސް ބެލޭނެ ކޮން ބައެއް ކަން މި ވިޔަފާރި ކުރަނީ. އަނެއްކާ ގަވާއިދެއްގެ ދަށުން ވީމަ އެގަވާއިދާ ހިލާފްވާ ފަރާތްތަކާ މެދު ވިޔަވަޅު ވެސް އެޅިގެންދާނެ. މިހާރު ވެއްޖެއްޔާ ދުންފަތުގެ އިސްތިހާރު ކުރުމާއި ކުޑަކުދިންނަށް ސިނގިރޭޓް ވިއްކުމުގެ ކަންތައްތައް ވެސް އެބަދޭ ކޮންޓްރޯލުން ނެއްޓިގެން،" ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުގެ މެމްބަރު ހަސަން މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އެގޮތަށް ހަމަޖެއްސި ނަމަވެސް އެހެން ވެސް ވިޔަފާރިތަކެކޭ ވެސް އެއްގޮތަށް ލައިސަންސް ބޭނުންވާ ފަރާތްތަކަށް އެ ކަމުގެ ލައިންސަންސް އެ ގަވާއިދުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ އޮންނަ އުސޫލެއްގެ ދަށުން ލިބިގެންދާނެ ކަމަށެވެ. ނަމަވެސް އެ ގަވާއިދާ ހިލާފްވާ ފަރާތްތަކާ މެދު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅައި ޖޫރިމަނާ ކުރަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގަވާއިދުގެ ޖޫރިމަނާ ކުރެވޭ ފަރާތްތަކުގެ ތެރެއިން އުމުރުން 18 ދަށުގެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލް ކުރާ ބާވަތްތައް ވިއްކާ ނަމަ ޖޫރިމަނާ ބޮޑުވެގެންދާނެ، އެއާ ގުޅިގެން އެ އޮންނަ ހުއްދަ ބާތިލްކޮށް އާ ނުކުރެވޭނެ ގޮތްތަކެއް ވެސް ހުންނާނެ. ދެން ވަގު ވިޔަފާރި ކުރުމުގެ ކަންތަކުގައި ވެސް ޖޫރިމަނާ ބޮޑުވާނެ،" ހަސަން މުހައްމަދު ވިދާޅުވި އެވެ.
އަލަށް އަމަލް ކުރަން ފެށޭ އެގަވާއިދުގެ ދަށުން ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލް ކުރުމަށް ބޭނުން ކުރާ ބާވަތްތަކުގެ ތެރެއިން މިހާރު ރާއްޖޭގައި ހުރި ބާވަތްތަކުގެ ލިސްޓެއް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެކުލެވިގެންދާނެ ކަމަށާއި އެ ލިސްޓްގައި ނެތް ބާވަތެއް އެތެެރެ ކުރާނަމަ އެ އެެއްޗެއް އެތެރެ ކުރެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އާ ބާވަތެއް ރެޖިސްޓާ ކުރާނަމަ ވަރަށް ގިނަ މައުލޫމާތެއް ހުށަހަޅައިގެން އެ އެތެރެ މިކުރެވެނީ، އެގޮތުން އެ އެއްޗެއް ނުވަތަ ބްރޭންޑެއް އުފެއްދި ގައުމަކާއި އެ އެއްޗެއްގައި ހިމެނޭ އެއްޗެއްސާއި ބެހޭ މައުލޫމާތާއި އޭތި ރާއްޖެއަށް އެތެރެ ކުރެވޭނެ ގޮތްތައް ވެސް ހުށަހަޅަން ޖެހޭނެ،" ހަސަން މުހައްމަދު ވިދާޅުވި އެވެ.