ދިރާގު ދިވެހި ލީގުގައި މާދަމާ ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ދެކޮޅަށް ކުޅޭ މެޗުގައި ބީޖީ ސްޕޯޓްސް އަށް އަލަށް ގެނައި އިޓަލީގެ ކޯޗު ފަބިއޯ ލޯޕޭޒް ޓީމާއެކުގައި ނުފެންނާނޭ ކަމަށް ބީޖީގެ މެނޭޖަރު އަލީ ރިޒްވާން ބުނެފި އެވެ.

އިއްޔެގެ ވަގުތެއްގައި ބީޖީގެ ކޯޗް މުހައްމަދު ޝާޒްލީ ކޯޗުކަމުން ވަކިކޮށްފައިވާ އިރު މިއަދު އެފްއޭއެމް ހައުސްގައި އޮތް ޕްރީމެޗް ޕްރެސް ކޮންފަރެންސްގައި ރިޒްވާން ބުނީ އެކުލަބަށް އަލަށް ހަމަޖެއްސި ކޯޗު މާލެއައީ ރޭގައި ކަމަށާއި އެހެން ކަމުން ކޯޗު ޓީމާ ހަވާލުވާނީ މާދަމާ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗަށް ފަހުގައި ކަމަށެވެ.

"މާދަމާގެ މެޗުގައި ބެންޗުން ކޯޗު ނުފެނުނަސް ބެންޗު ފުރަގަހުން ކޯޗު ފެންނާނެ. ކޯޗު ޓީމާ ގުޅޭނީ މާޒިޔާ މެޗަށް ފަހު. މާދަމާގެ މެޗުގައި ޓީމާއެކު ނުކުންނާނީ އެސިސްޓެންޓް ކޯޗު މުހައްމަދު އަނިލް" ރިޒްވާން ބުންޏެވެ.

ރިޒްވާން އިތުރަށް ފާހަގަކުރި ގޮތުގައި މާދަމާގެ މެޗަށް ތައްޔާރުވުމަށް މިއަދު އެ ޓީމު ބާއްވާ ޕްރެކްޓިސްގައި އެ ޓީމުގެ އާ ކޯޗު ބައިވެރި ވާނެ ކަމަށެވެ.

މާދަމާގެ މެޗާބެހެގޮތުން ބީޖީގެ މެނޭޖަރު ބުނީ މާޒިޔާއަކީ ވަރުގަދަ ޓީމެއް ކަމަށާއި އެހެން ނަމަވެސް ބީޖީ ނުކުންނާނީ އެޓޭކިން ގޭމެއް ކުޅެގެން މޮޅުވާން ކަމަށެވެ.

"ކޮންމެ މެޗެއްގައި ވެސް އަޅުގަނޑުމެން ނުކުންނަނީ ކާމިޔާބުހޯދަން. އަޅުގަނޑުމެން މާދަމާ ކުޅެން މިޖެހޭ ޓީމަކީ ހަމަ ވަރުގަދަ ޓީމެއްކަން އެނގިތިބެގެން ކުޅުންތެރިން އެކަމަށް ތައްޔާރުވެ ތިބެގެން އިރާދަކުރެއްވިއްޔާ މާދަމާގެ މެޗުން ތިންޕޮއިންޓު ހޯދައިގެން ފޭބުން އުންމީދަކީ،" ބީޖީގެ މެނޭޖަރު ބުންޏެވެ.

ތާވަލުގެ ދެވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތް މާޒިޔާގެ ކޯޗު އިސްމާއީލް މަހެފޫޒް (އިންމަ) ބުނީ މާދަމާ ބީޖީއާ ދެކޮޅަށް އެޓީމު ކުޅެން ޖެހޭ މެޗަކީ ވަރަށް މުހިއްމު މެޗެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުން މިހުރީ މާދަމާގެ މެޗަށް. ކުރިއަށް އޮތް އޭއެފްސީ މެޗަށް ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅު ކުރަން އެބަޖެހޭ. އަދި މެޗުތަކުން މޮޅުވަމުން މިދާ މޮޅުވުން ދެމެހެއްޓުމަށް މާދަމާގެ މެޗުން މޮޅުވުން ވަރަށް މުހިއްމު." އިންމަ ބުންޏެވެ.

ބީޖީއާ ދޭތެރޭގައި އިންމަ ބުނީ ބީޖީއަކީވެސް ތަޖުރިބާކާރު ކުޅުންތެރިންތަކެއް ތިބި ވަރުގަދަ ޓީމެއް ކަމަށާއި އެހެންކަމުން މާޒިޔާއިން ބީޖީއާ ދޭތެރޭގައި ވަރަށް ބޮޑަސް ސަމާލު ވާނޭ ކަމަށާއި އަދި އޭނާގެ ކުޅުންތެރިން ވެސް ތިބީ އެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ.

ބީޖީ އެންމެ ފަހުން ކުޅުނު މެޗުގައި ވިކްޓަރީ އަތުން ދޭއް ސުމަކުން މޮޅުވެ އިތުބާރު ހޯދާފައިވާ އިރު މާޒިޔާ އިން އީގަލްސްއާ ދެކޮޅަށް ކުޅެ ދޭއްސުމަކުން މޮޅުވި މެޗުގައި އެކުލަބުގެ މިޑްފީލްޑަރު މުހައްމަދު އާރިފު (ބަކާ) އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާއަކަށް މާދަމާގެ މެޗުގައި ނުކުޅެވޭނެ އެވެ. އަދި ހަމަ އެމެޗުގައި މާޒިޔާގެ ޑިފެންޑަރު އަލީ އިމްރާނަށް ރަތްކާޑު ދައްކާފައި ވުމުގެ ސަބަބުން އޭނާއަށް ވެސް މާދަމާގެ މެޗުގައި ނުކުޅެވޭނެ އެވެ.

މާޒިޔާ އާއި ބީޖީ މާދަމާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗު ފަށާނީ ގަލޮޅު ދަނޑުގައި މާދަމާ ހަވީރު 4:00ގަ އެވެ.