ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން އިންތިޒާމް ކޮށްގެން ބާއްވާ 19 ވަނަ ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 14 މެޗު އިއްޔެ ކުޅެފައިވެ އެވެ.

އެގޮތުން އަށް އަހަރުން ދަށުގެ ފިރިހެން ތިން މެޗާއި، 10 އަހަރުން ދަށުގެ އަންހެން މެޗަކާއި، 12 އަހަރުން ދަށުގެ އަންހެން މެޗަކާއި 14 އަހަރުން ދަށުގެ ފިރިހެން މެޗަކާއި އެ އުމުރުފުރައިގެ އަންހެން ތިންމެޗާއި ފިރިހެނުންގެ އޯޕަން ދެމެޗާއި އަންހެނުންގެ އޯޕަން ތިން މެޗު ކުޅެފައިވެ އެވެ.

އިއްޔެގެ މެޗުތަކުގެ ތެރެއިއިން އަށްއަހަރުން ދަށުގެ ޒަހާން އާއި ކާއިން ބައްދަލު ކުރި މެޗު ކާމިޔާބުކުރީ ކާއިން އެވެ. އަދި އިމްރާނާ ވާދަކޮށް ޒަނާއިން މެޗު ކާމިޔާބު ކުރި އިރު މާރިކިން އާއި ޒާން ބައްދަލުކުރި މެޗު ކާމިޔާބުކުރީ މާރިކީން އެވެ. މުބާރާތުގެ 10 އަހަރުން ދަށުގެ އުމުރުފުރައިގެ ޖަނާއާއި ވާދަކޮށް އީމާން މެޗު ކާމިޔާބު ކޮށްފައިވާ އިރު 12 އަހަރުން ދަށުގެ މެޗުގައި ސާރާއާއި ވާދަކޮށް މެޗު ކާމިޔާބުކުރީ މަލްސާއެވެ. މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރައިގެ ރާހިން އާއި މުހައްމަދު ސިރާޖު ވާދަކުރިމެޗު ކާމިޔާބު ކުރީ ރާހީން އެވެ. އަދި ހަޝްމާއާއި އަޔާނީ ވާދަކުރިމެޗު ކާމިޔާބުކުރީ އަޔާނީ އެވެ. އެ އުމުރުފުރައިގެ އިޝާ އިސްމައިލް އާއި ވާދަކޮށް ބަލްގީޝް މެޗު ކާމިޔާބު ކޮށްފައިވާ އިރު އީން ޝާހިދުއާ ވާދަކޮށް މެޗު ކާމިޔާބު ކުރީ އިއްޒާ މޫސާއެވެ.

މުބާރާތުގެ މެންސް އޯޕަން ފުރަތަމަ މެޗުގައި ފާރިޝްއާއި އިމްޔާން ވާދަކުރި މެޗު ހައެއް ސުމެއް ހައެއް ސުމަކުން ހައެއް ސުމަކުން ކާމިޔާބު ކުރީ ފާރިޝް އެވެ. އަދި ދެވަނަ މެޗުގައި ސާއީއާއި މާކޯ ވާދަކުރި މެޗު ހައެއް ސުމެއް ހައެއް ސުމަކުން ކާމިޔާބު ކުރީ ސާއީ އެވެ. މުބާރާތުގެ ވިމެންސް އޯޕަންގައި ރީމްއާއި ރާއިދާ ކުޅުނު މެޗު ހައެއް ސުމެއް ހައެއް ތިނަކުން ކާމިޔާބު ކުރީ ރީމް އެވެ. އަދި ދެވަނަ މެޗުގައި އަރްޝާއާއި ވާދަކޮށް ހައެއް ސުމެއް ހައެއް އެކަކުން މެޗު ކާމިޔާބު ކުރީ ރާޔާ މަންސޫރު އެވެ. އިއްޔެގެ ފަހުމެޗުގައި އިރުފާ އާއި ޒައިނަބު ބައްދަލު ކުރިމެޗު ހައެއް ސުމެއް ހައެއް ސުމަކުން ކާމިޔާބު ކުރީ އިރުފާ އެވެ.

އެކި އުމުރު ފުރަޔަށް ބަހާލައިގެން ޓީއޭއެމް އިން ބާއްވާ މިމުބާރާތުގައި ޖުމުލަ 83 ކުޅުންތެރިއަކު ބައިވެރިވެފައިވާ އިރު އޭގެތެރޭގައި 54 ފިރިހެން ކުޅުންތެރިންނާއި 29 އަންހެން ކުޅުންތެރިއަކު ހިމެނެ އެވެ. މި މުބާރާތުގެ ކުޅުން ކުރިއަށް ގެންދާނީ މިމަހު 22 ވަނަދުވަހުން ފެށިގެން އަންނަ މަހު ހަވަނަ ދުވަހުގެ ނިޔަލަށް މާލޭ ނޭޝަނަލް ޓެނިސް ސެންޓަރުގައެވެ. މެޗުތައް ފަށާނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00ގަ އެވެ.