26 Mar 2013, 15:49
މިދިޔަ އަހަރު ޓީޗާސް އެކްސެލެންސް އެވޯޑްގެ ޕްރީ ސްކޫލު ޓީޗަރުންގެ ބައިން އެންމެ މޮޅު ޓީޗަރު ހޮވާފައި ވަނީ ނުފޫޒުގެ ބޭނުންކޮށްގެން ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަ ސާބިތުނުވާ ކަމަށް އޭސީސީ އިން ބުނެފި އެވެ.
އޭސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2012 ވަނަ އަހަރު ޓީޗާސް އެކްސެލެންސް އެވޯޑްގެ ތެރެއިން ޕްރީ ސުކޫލްބައިން ކުރިމަތިލި ދެ ފަރާތުގެ ތެރެއިން އެންމެ މަތިން މާކްސް ލިބިގެން އެކެޓަގަރީ އަށް ހޮވުނު ފަރާތަށް އެމަގާމް ލިބިފައި ވަނީ އެޑިއުކޭޝަން މިނިސްޓުރީގެ ފަރާތުން ޓީޗާސް އެކުސެލަންސް އެވޯޑް ލިބޭ ފަރާތްތައް ހޮވާ ކޮމިޓީގައި ހިމެނޭ އެ މިނިސްޓުރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު އައްޒާ ގެ ނުފޫޒުން ކަމަށާއި އަދި އެމަގާމަށް ހޮނުވު ފަރާތަކީ ޢައްޒާގެ ދަރިފުޅަށް 2012 ވަނަ އަހަރު ކިޔަވައިދޭ ޓީޗަރުންކަމަށް ބުނާ މައްސަލަ ސާބިތުނުވާ ކަމަށެވެ.
އޭސީސީ އިން ބުނީ ޕްރީ ސްކޫލު ޓީޗަރުންގެ ބައިން އެންމެ މޮޅު ޓީޗަރު ހޮވިއިރު ހޮވި ކޮމިޓީގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން ވަކި ކެނޑިޑޭޓް އަކަށް މާކުސް ދިނުމުގެ ނުފޫޒް ފޯރުވޭނެ ޖާގައެއް އޮތްކަމަށް ނުފެންނަ ކަމަށެވެ. އަދި ޢައްޒާގެ ނުފޫޒް ފޯރުވާކަމަށް ބުނާއިރު އެކޮމެޓީއިން މާކުސްދީފައިވަނީ ހަމައެކަނި އެދާއިރާގައި ހޭދަކުރި ދުވަހަށް ނުބަލައި އިންޓަވީއޫއަށް ވެސް ބަލައިގެން ކަމަށާއި އަދި އިންޓަވއޫ ކުރުމަށް ބޭއްވުނު އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި ދިން މާކުސް އަކީ ފައިނަލް މާކުސްއަށް ނުވުމާއި މާކުސް ފައިނަލް ކޮށްފައި ވަނީ ކޮމެޓީގެ މެމްބަރުން އެކުގައިތިބެ މަޝްވަރާކޮށްގެން ކަމަށް ވާތީ ކަމަށެވެ.
"މަދުރަސަތުލް އަމީރު އަހުމަދުގެ ޕުރީ ސްކޫލުގައި ފާތިމަތު ޢައްޒާގެ ދަރިއެއް 2011 ވަނަ އަހަރު ކަމަށާއި އަދި އޭނާގެ ދަރިފުޅު 2012 ވަނަ އަހަރު ކިޔަވަމުންދަނީ އެ ސްކޫލުގައި ނޫންކަން އެސުކޫލުގެ ލިޔެކިޔުންތަކުން އެނގޭ" އޭސީސީ އިން ބުންޏެވެ.
އޭސީސީ އިން ބުނީ އެމައްސަލަ ސާބިތް ނުވާކަމަށް ނިންމީ އެމައްސަލާގައި އޭސީސީ އަށް ނެގި ބަޔާންތަކާއި ބެލިބެލުންތަކުން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ނުފެންނާތީ ކަމަށެވެ.