ދަރިންގެ ހަރަދާއި އިއްދައިގެ ހަރަދު 2000ރ. އަށް ބޮޑު ކުރުމަށް އާއިލާއާ ބެހޭ ގަވާއިދަށް ބަދަލު ގެނެސް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސް ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ އިސްލާހް ގެނެސްފައި ވަނީ އާއިލާއާ ބެހޭ ގަވާއިދުގެ 63 މާއްދާގެ ހ. އަށާއި 65 މާއްދާގެ ވަނަ މާއްދާ އަށެވެ. އެ މާއްދާ އަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދު އެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ވަރިކޮށްފައިވާ އަންހެނެއްގެ އިއްދަ ހަމަވަންދެން އިއްދައިގެ ހަރަދަށް މަހަކު 2000ރ. އަަށް ވުރެ މަދު ނޫން އަދަދެއް ދޭން ވާނެ ކަމަށެވެ. އަދި 65 ވަނަ މާއްދާގައި ބުނެފައި ވަނީ ކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން އޭނާގެ ހަރަދާއި ކުއްޖާ ބެލުމުގެ ހަރަދަށް މަހަކު 2،000ރ. ދޭން ޖެހޭނެ ކަމަށެވެ. އެކަމަކު އެއް ކުއްޖަކަށް ވުރެ އިތުރު ނަމަ ކޮންމެ ކުއްޖަކަށް މަހަކު ދޭން ޖެހެނީ 1،000ރ. ކަމަށެވެ.

ދެހާސް އެއް ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އަމަލު ކުރަމުން އަންނަ އާއިލާއާ ބެހޭ ގަވާއިދުގެ ދަށުން މީގެ ކުރިން އިއްދައިގައި އިންނަ އަންހެނަކަށް ދޭން ޖެހޭނީ 500ރ. އެވެ. އަދި ދަރިންގެ ހަރަދުގެ ގޮތުގައި ކުރިން ދޭން ޖެހޭނީ މަހަކު 250ރ. އެވެ. އަދި ކުއްޖާ ބެލުމުގެ ހަރަދުގެ ގޮތުގައި 150ރ. އެވެ. ދެ އަހަރު ފުރި ހަތް އަހަރު ފުރެންދެން މަހަކު 300ރ. ދޭން ޖެހޭ އިރު ބެލުމުގެ ހަރަދަށް 125ރ. ދޭން ޖެހެ އެވެ. އަދި ހަތް އަހަރު ފުރި 16 އަހަރު ފުރެންދެން މަހަކު 350ރ. އަދި ބެލުމުގެ ހަރަދަށް ދޭން ޖެހެނީ 100ރ. އެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސް ކުރި ގަވާއިދަށް އަމަލު ކުރާން ޖެހޭނީ އާއިލާއި ބެހޭ ގާނޫނުގެ 55 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ބުނެފައި ވަނީ ބައްޕަ އަކީ ދަރިން ބެލޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހެއް ކަމަށް ޝަރީއަތަށް ސާބިތުވެއްޖެ ނަމަ އެ ދަރިން ބެލުމާއި އެ ދަރިންގެ ހަރަދުބަރަދުގެ ކަންތައް ހަމަޖެއްސުމާ ބެހޭ ގޮތުން އެ ދަރިންގެ ތިމާގެ މީހުންނާ ކޯޓުން ވާހަކަ ދައްކައި އޭގެ ތެރެއިން ބަޔަކު ނުވަތަ މީހަކު އެކަމާ ހަވާލުވާން ގަބޫލުވެއްޖެ ނަމަ އެ ކުދިންގެ ހަރަދުބަރަދުގެ ކަންތައް ހަމަޖެއްސުން އެބަޔަކާ ނުވަތަ އެ މީހަކާ ކޯޓުން ހަވާލުކުރަންވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސް ކުރި އާއިލާއާއި ބެހޭ ގަވާއިދު ފާސްކޮށްފައި ވަނީ 48 މެންބަރުންގެ ވޯޓުންނެވެ.