26 Mar 2013, 14:30
ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މިއަދު ފެށި އޭސީސީ ޓުވެންޓީޓުވެންޓީ ކްރިކެޓް މުބާރާތުގައި ރާއްޖޭ ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން ބަލިވެއްޖެ އެވެ.
މިއަދުގެ މެޗުން ރާއްޖެ ބަލިވީ 76 ލަނޑުން ނެވެ.
މިއަދުގެ މެޗުގައި ރާއްޖެ ޓީމުން ކުޅެން އަރާ 20 އޯވަރުގެ ތެރޭ ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 95 ލަނޑެވެ. އެހެން ނަމަވެސް ނޭޕާލް ކުޅެން އަރާ 20 އޯވަރުގެ ތެރޭ ފަސް ކުޅުންތެރިން ނުބައިވެގެން 171 ލަނޑު ހެދި އެވެ.
ސާދަ ކުޅުންތެރިންގެ ސްކޮޑަކާ އެކު މުބާރާތުގައި ވާދަކުރުމަށް ދިޔަ، ރާއްޖެޓީމުން ކުޅޭ ދެ ވަނަ މެޗުގައި މާދަމާ ބައްދަލުކުރާނީ ސިންގަޕޫރާ ދެކޮޅަށެވެ. އަދި ރާއްޖޭ ތިން ވަނަ މެޗުގައި މިމަހުގެ 29 ވަނަ ދުވަހު ނިކުންނާނީ ހޮންކޮންގާ ދެކޮޅަށެވެ. އަދި ހަތަރު ވަނަ މެޗުގައި ރާއްޖެ ނިކުންނާނީ މެލޭޝިއާއާ ދެކޮޅަށް މިމަހުގެ 31 ވަނަ ދުވަހު އެވެ.
ރާއްޖެ ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ މިދިޔަ ތިން އަހަރު ރާއްޖޭގައި ބޭއްވުނު އެކިއެކި މުބާރާތްތަކުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކާފައިވާ އަބްދުﷲ ޝާހިދެވެ.
މި ފަހަރުގެ ގައުމީ ކުރިކެޓް ޓީމުގައި ހިމެނޭ 14 ކުޅުންތެރިންނާއި އޮފިޝަލުން:
1. މިހުސާން ހާމިދު
2. އަހުމަދު އަފްޒަލް ފާއިޒް
3. މުހައްމަދު އައްޒާޒް
4. ޝަފްރާޒް ޖަލީލް
5. އަހުމަދު ނިޝާމް ނަސީރު
6. އިސްމާއިލް އަލީ
7. މުހައްމަދު އަކުރަމް
8. މުހައްމަދު ރިޝްވާން
9. ހަސަން ހާޒިގު ރަޝީދު
10. އަހުމަދު އަމީލް މައުރޫފް
11. މުހައްމަދު ޝާފީ ސައީދު
12. އިޝާން ޖަހަކޮޑީ
13. ރޯޝަން މަދުރުވާލަ
14. ކެޕްޓަން އަބްދުﷲ ޝާހިދު
15 މާދިހް އިސްމާއީލް- މެނޭޖަރު
16. ނިލާންތަ ކޫރޭ- ކޯޗް
17. އިމާދު އިސްމާއީލް- ޓްރޭނާ
މިއެވެ.