އއ. ފެރިދޫގައި ޒަމާންތަކެއްވެފައިވާ ބޮޑު ނިކަގަހެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ފެރިދޫ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ އެ ހާދިސާ ހިނގީ ރޭ ގާތްގަނޑަކަށް 3 ޖަހާއެހާކަންހާއިރު ކަމަށާއި އެ ހާދިސާ ހިނގުމާ އެކު ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުގެ އިތުރުން އާއްމުން ގުޅިގެން ވަނީ އެގަހުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފައިވާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަދި ތަނަކަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެ ހާދިސާ ހިނގީ ބަޔަކު ގަސްދުގައި ރޯކޮށްލުމުގެ ސަބަބުން ކަމަށާއި މިއީ އެ ގަސް އެގޮތަށް ރޯކޮށްލި ހަތަރު ވަނަ ފަހަރު ކަމަށެވެ.

"ގަހުގެ މެދުތެރޭގައި އެއްޗެހިތަކެއް އާޅާފައި ރޯކޮށްލާފައި ހުރީ. އެެހެންވެ އެކަމަކީ ބަޔަކު ގަސްދުގައި ކޮށްފައި ހުރި ކަމެއް ކަމަށް ބޮޑަށް ބެލެވެނީ. އެ ގަސް މިހާރު ވެސް ހަތަރު ފަހަރެއްގެ މަތިން ވަނީ ރޯވެފައި. އެހެންވެ މިފަހަރު އެހާ ބޮޑަށް ރޯވީ އަނދާނެ ތަންތަން ހުރީމަ،" ނަޝީދު ވިދާޅުވި އެވެ.

ޒަމާންވީ އެ ގަސް މީގެ ތިން ފަހަރެއްގެ ކުރިން ރޯކޮށްލި ނަމަވެސް އެ ގަސް އެސަރަހައްދުގައި ހުރުމުގެ އެއްވެސް މައްސަލައެއް ހުރި ކަމަށް އޭރު ކައުންސިލުން ވަނީ ނިންމާފަ އެވެ. ނަމަވެސް މިހާރު ގަހުގެ ހާލަތު ހުރި ގޮތުން ގަސް ކެނޑުމާ މެދު ގޮތެއް ނިންމާނީ ކައުންސިލުން އެކަމާ މެދު ގޮތެއް ނިންމުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެކުރިން ތިން ބުރެއްގެ މަތިން އެގަސް ވަނީ ރޯކޮށްލާފައި. އޭރު މެރިން ރިސާޗް ސެންޓަރުގެ ބޭފުޅުން ވެސް މިރަށަށް ވަޑައިގެން އެ ގަސް ހުރި ހާލަތުން ގަސް ވެއްޓިދާނެ ފަދަ ހާލަތެއް މެދުވެރިނުވާނެ ކަމަށް ވިދާޅުވެފައި ވާތީ އާއި ރަށުގެ މެދުތެރޭގައި ހުރި ބިޔަ ގަހެއް ކެނޑުމަކީ ތިމާވެއްޓަށް ވެސް ގެއްލުން ކުރާނެ ކަމަކަށްވާނެތީ، އެގަސް ނުކެނޑުމަށް ކައުންސިލުން ނިންމީ. ނަމަވެސް މީހުންގެ ގޯތި ގޯއްޗަށް އުނދަގޫވާ ގޮތަށް ހުރި ގޮފިތައް ވާނީ ކަނޑައިފައި. ދެން ރޭގެ ހާލަތަށް ފަހު އެގަހާ މެދު ގޮތެއް ނިންމާނީ ކައުންސިލްގެ ބައްދަލުވުމަކުން،" ނަޝީދު ވިދާޅުވި އެވެ.

އެ ހާދިސާގެ ސަބަބުން އެ ރަށުގެ ރަމްޒީ ގަހެއްގެ ގޮތުގައި ސިފަކުރަމުން ގެންދާ ގަހުގެ ބޮޑު ބަޔަކަށް ވަނީ ގެއްލުންވެފަ އެވެ.