26 Mar 2013, 14:19
ބިދޭސީއެއްގެ ކަރަށް ވަޅި ހެރި މީހަކު އަށް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އެ ހުކުމް ކޮށްފައި ވަނީ މއ. މާޖެހިވިލާ ސިޔާން ހާދީގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ރޭ ދަންވަރު 12:45 ހާއިރު ބަނގްލަދޭޝްގެ ރިޓޮން ކިޔާ މީހަކު އިތުރު ދެ މީހަކާ އެކު މ. ވެލިރާޅުފުށި ގޭގެ ކުރިމަތީގައި ހުއްޓާ ސިޔާން ހާދީ އޭނާގެ ކަރަށް ވަޅިހެރިކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އޭނާ އަށް އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ.
"....ތޫނުއެއްޗަކުން ހަމަލާދިނުމުގެ ކުށުން މއ. މާޖެހިވިލާ ސިޔާން ހާދީ ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިއީ މިނާގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށްވާތީ، މިކުށުގެ އުގޫބާތެއްގެ ގޮތުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ނ) އާއި ހަވާލާދީ، އެ މާއްދާގެ (ބ)ގެ ދަށުން ހަތް އަހަރު ދުވަސް، އަދި އެ މާއްދަގެ (ޅ) ގެ ދަށުން އެއް އަހަރު ދުވަސް، އެކުޖުމްލަ އަށް އަހަރު ދުވަހުގެ މުއްދަތަށް މާލެ، މއ. މާޖެހިވިލާ ސިޔާން ހާދީ ޖަލަށްލުމަށް ހުކުމް ކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.
މިދިޔަ އަހަރުގެ ތެރޭގައި މާލޭގައި ގިނަ އަދަދަކަށް ވަޅިހެރުމުގެ ހާދިސާތައް ހިނގާފައިވާ އިރު މިއީ އެ މައްސަލަތަކުގެ ތެރެއިން މިހާތަނަށް ޝަރީއަތަށް ސާބިތުވި ފުރަތަމަ މައްސަލަ އެވެ.