ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން (ސީއައިސީ)ގެ މެމްބަރު ކަމަށް ކުރިމަތިލެއްވި 12 ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ހޯއްދެވި ފަސް ބޭފުޅުން އެ ކޮމިޝަންގެ މެންބަރު ކަމަށް ހޮއްވަވައިފި އެވެ.

މެއި 11، 2011 ވަނަ އަހަރު ތަސްދީގު ކުރެއްވި ކަސްޓަމްސް ގާނޫނުގައި ބުނެފައިވާ ފަސް މެންބަރުންގެ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން (ސީއައިސީ)އަށް ކުރިމަތިލެއްވި 12 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވުމުން އެ ނަންތައް ދިރާސާ ކުރުމަށް ފަހު އިގްތިސާދީ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވެވީ އަށް ބޭފުޅުންގެ ނަމެވެ.

މިއަދު ބޭއްވި ޖަލްސާގައި އެ ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅަކު ވަނީ ސީއައިސީގެ މެންބަރު ކަމަށް ހޮއްވަވާފަ އެވެ. އެއީ ހ. އާޒާދެވާދީ ވިޒާދު އަލީ ވިޒާދު އަލީ އާއި ގ. އަތަ ޔޫސުފް މާނިއު މުހައްމަދާއި އާއި ގއ. ކަނޑުހުޅުދޫ ބްރޫރޯޒް ޖިހާދާ އަނީސާއި މާލެ ދަފްތަރު ފަރީޝާ އާދަމްއަށް އާއި ގ. އަލީއާބާދު، ފާތުމަތު ޝަމްވީލާ އެވެ.

އިގްތިސާދީ ކޮމެޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅި އަށް ނަމަށް ވޯޓަށް އެހީ މާކްސް ލިބިވަޑައިގެންނެވި ތަރުތީބުންނެވެ. އެގޮތުން މަޖިލީހުގެ ތަޅުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި އަޣުލަބިއްޔަތުން ފަސް ބޭފުޅުން އެ މަގާމަށް ހޮވިވަޑައިގެންނެވުމުން ބާކީ ތިއްބެވި ތިން ބޭފުޅުންގެ ނަމަކަށް ވޯޓަކަށް ނާހަ އެވެ.

ވޯޓަށް ނައައްސަވަނީ މ. ބިލާލުގެ އަބްދުﷲ ޝިނާހާއި މާލޭ ދަފްތަރު އަބްދުﷲ ނިސާމާއި ހ. ބަރަބޯމާގޭ އައިޝަތު ޝިއުނާގެ ނަމަށެވެ.

ސީއައިސީގެ މެންބަރެއްގެ އަސާސީ މުސާރައަކީ 32500ރ. އެވެ. އަދި ފޯން އެލަވަންސްގެ ގޮތުގައި މަހަކު 1000ރ. ލިބިވަޑައިގަންނަވާނެ އެވެ. އަދި އަހަރީ ޕްރިމިއަމްގެ ގޮތުގައި 10،000ރ. ލިބޭނެ އެވެ. އަދި ކޮމިޝަންގެ ރައީސަށް 37،500ރ. ލިބިވަޑައިގަންނަވާ އިރު، ނައިބު ރައީސްއަށް 35،500ރ. ލިބިވަޑައިގަންނަވާނެ އެވެ. ޖުމްލަ ކޮންމެ މެންބަރަކަށް އަހަރަކު 412،000ރ. ލިބިވަޑައިގަންނަވާނެ އެވެ. ކޮމިޝަންގެ ރައީސްއަށް އަހަރަކު 472،000ރ. ލިބޭނެ އެވެ. އަދި ނައިބު ރައީސް އަށް އަހަރަކު 448،000ރ. ލިބޭނެ އެވެ.