26 Mar 2013, 14:07
ފުލުހުން މިއަދު ސަންގެ ނޫސްވެރިޔާ އަހުމަދު އާޒިފު ހައްޔަރުކުރި މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކުށްވެރިކޮށްފި އެވެ.
ޖަސްޓިސް ބިލްޑިންގް ކުރިމަތީގައި ހަބަރަށް ބޭނުންވާ ފޮޓޯ ނެގުމުގެ މަސައްކަތުގައި އުޅެނިކޮށް އާޒިފު ހައްޔަރުކުރި މައްސަލާގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ "ސަން އޮންލައިންގެ ނޫސްވެރިއެއް ކަމަށްވާ އަހުމަދު އާޒިފު ނޫސްވެރިއެއްގެ ޒިންމާ އަދާކުރަމުން ދަނިކޮށް ފުލުހުން ހައްޔަރުކުރުން މިކައުންސިލުން ކުށްވެރިކުރާ" ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަންތައްތައް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށް ވެސް މީޑިއާ ކައުންސިލުގެ ބަޔާނުގައިވެ އެވެ.
އެމްޖޭއޭގެ ބަޔާނުގައި ވަނީ ސަން އޮންލައިންގެ ޖާނަލިސްޓް އަހުމަދު އާޒިފު ޖަސްޓިސް ބިލްޑިން ސަރަހައްދުގައި މިއަދު ފޮޓޯނެގުމުގެ މަސައްކަތް ކުރަނިކޮށް، އޭނާގެ މަސައްކަތަށް ފުލުހުން ހުރަސްއަޅައި އޭނާ ހައްޔަރުކުރި މައްސަލަ އެޖަމިއްޔާ އިން ހަރުކަށި އިބާރާތުން ކުށްކުވެރިކުރާ ކަމަށެވެ.
ބަޔާނުގައި އަދި ވަނީ "ޖަސްޓިސް ބިލްޑިން ސަރަހައްދަކީ ނޫސްވެރިން ނޫނަސް ފޮޓޯ ނެގުން މަނާ ސަރަހައްދަކަށް ނުވާއިރު، ނޫސްވެރިއަކު އެ ސަރަހައްދުގައި ފޮޓޯ ނަގަން މަސައްކަތް ކުރަނިކޮށް ހައްޔަރުކުރުމަކީ ނޫސްވެރިންނަށް ބިރުދައްކައި ފިއްތުމަށް ހިންގި އަމަލެއް ކަމަށް ދެކޭ" ކަމަށެވެ. އެ މައްސަލަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހުށައެޅުމަށް ވިސްނަމުން އަންނަ ކަމަށް ވެސް އެމްޖޭއޭ އިން ބުނެފައިވެ އެވެ.
ނޫސްވެރިންގެ މަސައްކަތަށް ހުރަސް ނޭޅުމަށް އެމްޖޭއޭ އިން ވަނީ ފުލުހުންނަށް ގޮވާލާފަ އެވެ.
ޖަސްޓިސް ބިލްޑިންގެ ބޭރު ސަރަހައްދަކީ ފޮޓޯ ނެގުން މަނާ ސަރަހައްދަކަށް ވެސް ނުވާ އިރު އެކަމުގައި އާޒިފަށް އިންޒާރުތައް ދިނުމަށް ފަހު އެ އިންޒާރަށް އާޒިފު ތަބާ ނުވުމުން ހައްޔަރުކޮށް، ގަލޮޅު ވިލީ ފުލުހަށް ގެންދިއުމަށް ފަހު ދޫކޮށްލި އިރު އޭނާ ލައްވާ ސޮއިކުރުވި، ދޫކޮށްލި ކަމުގެ ލިއުމުގައި ވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ބުނެފަ އެވެ.
ޖަސްޓިސް ބިލްޑިންގެ ބޭރުގައި މިއަދު ތިބި ނޫސްވެރިންގެ ތެރެއިން ފާސް އެޅުމަށް ފުލުހުން އަންގާފައި ވަނީ ހަމަ އެކަނި އާޒިފަށެވެ. ސަންގެ ނޫސްވެރިޔާ ފުލުހުން ހައްޔަރުކުރީ ކޮން ހައިސިއްޔަތަކުން ކަން ބުނުމަށް ފުލުހުން ވަނީ ފަސްޖެހިފަ އެވެ.