17 Oct 2010, 10:37
ކޯޓުގެ ހުރުމަތް ކަނޑައިގެން ހަތަރު މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރި މީހާ މާފަށް އެދި ޖަލު އަދަބުން ސަލާމާތް ވެވޭނެ ގޮތް ހަދައިދިނުމަށް އެދި ޖިނާއީ ކޯޓުގައި އެދުމުން އޭނާގެ މައްޗަށް ޖަލު ހުކުމް ތަންފީޒު ނުކުރާ ގޮތަށް ނިންމައިފި އެވެ.
ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މައްސަލައެއްގެ ހެއްކެއްގެ ގޮތުގައި ހާޒިރު ކުރުމުން ކޯޓުގެ ހުރުމަތް ކަނޑާލައިގެން ހަތަރު މަހަށް ޖަލަށް ލާން ހުކުމް ކުރި މ. މުތާފުށީ އަބްދުﷲ ޝާހިދު މުހައްމަދު، ޝަރީއަތުގެ މަޖިލީހުގައި އޭނާއަށް ޢަމަލު ކުރެވުނު ގޮތާ މެދު ހިތާމަކޮށް މާފަށްއެދިފައިވާ ކަމަށެވެ.
ކޯޓުން ބުނީ ޝާހިދު ކޯޓަށް ސިޓީއެއް ފޮވާފައިވާ ކަމަށާއި އެ ސިޓީގައި އޭނާއަށް ޝަރީއަތުގެ މަޖިލީހުގައި ޢަމަލު ކުރެވުނު ގޮތާމެދު ހިތާމަކުރާ ކަމަށާއި އެކަމާ މާފަށް އެދުމުގެ އިތުރުން ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ސަބަބުން ހަތަރު މަސް ދުވަހަށް ޖަލަށް ލުމަށް ޖިނާއީކޯޓުން ކަނޑައަޅާފައިވާ އަދަބުން ސަލާމަތް ވެވޭނެ ގޮތެއް ހަދައިދިނުމަށް އެދިފައިވާ ކަމަށެވެ.
ޝާހިދު މާފަށް އެދި ސިޓި ފޮނުވުމާއި ގުޅިގެން އޭނާގެ ޝާކުވާ އަޑުއެހުމަށް މިއަދު ކޯޓަށް ހާޟިރުކުރުމުން، އޭނާގެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ ޢަމަލެއް ކަމަށް ގަބޫލުކުރި ކަމަށެވެ. އަދި މާފަށްއެދުމަށް ފަހު ހުވައިކޮށް އަލުން ހެކިބަސް ދީފައިވާ ކަމަށެވެ.
ކޯޓުން ބުނީ ޝާހިދު މާފަށް އެދި އަލުން ހެކިބަސް ދިނުމުން ކޯޓު ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ 22 ވަނަ މާއްދާގެ އެއްވަނަ ނަންބަރާއި އެ ޤަވައިދުގެ ތިންވަނަ ނަންބަރާ ހަވާލާދީ ޝާހިދު ހަތަރު މަސް ދުވަހަށް ޖަލަށް ލުމަށް ކުރި ހުކުމުގެ ބާކީބައި ތަންފީޒު ނުކުރަން ނިންމާފައިވާ ކަމަށެވެ.
ޝާހިދަކީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލުގެ ގެ ކޮއްކޮއެކެވެ. ސްޓޭޓް މިނިސްޓަރު އާދިލަކީ ޖަލުތަކާ ބެހޭ ގޮތުން ސަރުކާރުން މީޑިޔާއަށް ވާހަކަފުޅު ދައްކަވާ ފަރާތެވެ.
ކުރިން ނިއުރޭޑިއަންޓްގެ ރިޒާވް ގޯލްކީޕަރަކަށް ވެސް ކުޅެފައިވާ ޝާހިދުގެ މައްޗަށް ހުކުމް ކުރީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ (ހ) ގެ ހަތަރު ވަނަ ނަންބަރާއި، ހަތް ވަނަ ނަންބަރާ ހަވާލާދީ އެ ގަވައިދުގެ 16 ވަނަ މާއްދާ އާއި، 17 ވަނަ މާއްދާގެ ދަށުންނެވެ. އަދި ޝާހިދު ކޯޓު ހުރުމަތް ނަގާލުމުގެ ކުށުން ކުށްވެރިވުމުން އުގޫބާތް ކަނޑައެޅީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
ޝާހިދަކީ ސ. ހިތަދޫ ހަރުދަލުގެ އަހުމަދު ހުސައިންއާއި، އެ ރަށު ދޭލިގެ އަޙްމަދު ދީދީގެ މައްޗަށް ކޮށްފައިވާ ވައްކަން ކުރުމުގެ ކުށުގެ ދަޢުވާއަކާ ގުޅިގެން ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅައިފައިވާ މީހެކެވެ.