26 Mar 2013, 14:01
ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ ވެރިކަމުގެ ދެ ވަނަ އަހަރު 1979ގައި އުފެއްދި ބިދޭސީން ވިޔަފާރި ކުރުމުގެ ގާނޫނު އުވާލުމަށް ހިމަނާފައިވާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލު އަނބުރާ ކޮމެޓީއަށް ފޮނުވައިފި އެވެ.
އިގްތިސާދީ ކޮމެޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލް މަޖިލީހުން ފާސް ކުރުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެންބަރުންގެ ތެރެއިން 48 މެންބަރުން ވޯޓު ދެއްވީ އެ ބިލް ފާސް ކުރުމާ ދެކޮޅަށެވެ. އެ ބިލް ފާސް ކުރުމަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ. އެ ބިލް ކޮމެޓީއަށް ފޮނުވުމަށް ވޯޓަށް އެހުމުން 49 މެންބަރުން ވޯޓު ދެއްވީ އެ ބިލް ދިރާސާ ކުރުމަށް އަނެއްކާވެސް އިގްތިސާދީ ކޮމެޓީއަށް ފޮނުވުމަށެވެ. ކޮމެޓީއަށް ފޮނުވުމާ ދެކޮޅަށް ވޯޓު ދެއްވީ ތިން މެންބަރުންނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ އިގްތިސާދީ ޕެކޭޖުގެ ދަށުން މަޖިލީހަށް ހުށަހެޅި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލް އިގްތިދާސީ ކޮމެޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނީ 15 އަށް ވުރެ ގިނަ އިސްލާހާ އެކު އެވެ. އެ ބިލް މިދިޔަ އަހަރުގެ ދެ ވަނަ ދައުރުގައި މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރުމަށް ރައީސް ޑރ. މުހައްމަދު ވަހީދު ފޮނުއްވުމުން އެމަނިކުފާނު ވަނީ އެ ބިލް މަޖިލީހަށް އަނބުރާ ފޮނުއްވާލައްވާފަ އެވެ. ތަސްދީގު ނުކުރެއްވި ސަބަބުތަކުގެ ތެރޭގައި އިމްޕޯޓް މުދާ ވިއްކާ ތަންތަނާއި ސައި ހޮޓަލާއި ކެންޓީނާ ބެހޭ ގާނޫނު އުވާލުމަށް ބަޔާކޮށްފައި ވާތީ އެ ބިލް ތަސްދީގު ކުރެވެން ނެތް ކަމަށް ބަޔާންކޮށްފައިވެ އެވެ. ނަމަވެސް ކޮމެޓީން ދިރާސާކޮށް ނިންމެވި އިރު، އެ ބިލް އުވާލުމަށް ހިމަނާފައިވާ މާއްދާގެ އަކުރު އުނިކޮށްފައިވެ އެވެ.
ރާއްޖޭގައި ކުރާ ވިޔަފާރި ރަޖިސްޓްރީ ކުރަންޖެހޭ އުސޫލުތައް ބަޔާންކޮށް، އިގްތިސާދީ ކޮމެޓީން ދިރާސާ ކުރި ބިލުގައި ބިދޭސީންނަށް ރާއްޖޭގައި ކުރެވޭ ބާވަތުގެ ވިޔަފާރި ބަޔާންކޮށްފައިވެ އެވެ. ބިލުގައި ބުނެފައި ވަނީ ކުންފުންޏަކަށް ނުވަތަ ޕާޓްނާޝިޕެއްގެ ގޮތުގައި ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރެވޭނީ ގާނޫނީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި އެކައުންޓިންގެ ދާއިރާ އާއި ޓެކްސްގެ ދާއިރާއާއި މާލީ ހިދުމުގެ ދާއިރާ ފަދަ ފަންނީ ހިދުމަތްތަކަށެވެ. އެފަދަ ވިޔަފާރިއަކަށް ނުވާ ނަމަ، ވިޔަފާރީގެ ރައުސްމާލު ފަސް މިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރުވުމާ އެކު، ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި އެއް މިލިއަން އެމެރިކާ ޑޮލަރު ދިވެހި ސަރުކާރުން ކަނޑައަޅާ ފަރާތެއްގައި ބިދޭސީ ވިޔަފާރި ކުރާ ތަނުން ބަހައްޓަންވާނެ އެވެ.
ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރެވޭނީ ގަނޑުކޮށް މުދާ ވިއްކުމުގެ ވިޔަފާރިއެއް ކަމަށާއި އެ ވިޔަފާރިއަކީ ޑިއުޓީ ފުރީ ފިހާރައެއްގެ ވިޔަފާރިއަކަށްވެގެން ނުވާނެ ކަމަށް ވެސް ބިލުގައި ބަޔާން ކުރެ އެވެ. ބިދޭސީން ރާއްޖޭގައި ކުރާ ވިޔަފާރިއަކީ ދިވެހިރާއްޖޭގެ އާންމު މަސްލަހަތަށް އުނިކަމެއް އަންނާނެ ވިޔަފާރިއަކަށްވެއްޖެ ނަމަ އެ ވިޔަފާރިއެއް ރާއްޖޭގައި ރަޖިސްޓްރީ ނުކުރެވޭނެ އެވެ. އަދި އެފަދަ ވިޔަފާރިއެއް ރާއްޖޭގައި ނުވެސް ކުރެވޭނެ ކަމަށް ވިޔަފަރީ ރަޖިސްޓްރީ ކުރުމުގެ ބިލުގުގައި ބުނެ އެވެ.
ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ދިވެހި ވިޔަފާރިވެރިން ކުރަމުން އަންނަ ކުދި އަދި އެއްވެސް ބާވަތެއްގެ ރީޓެއިލް ވިޔަފާރިއެއް ބިދޭސީންނަކަށް ރާއްޖޭގައި ނުކުރެވޭނެ ކަމަށް ވެސް ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލުގައި ބުނެފައިވެ އެވެ.
ވިޔަފާރިތަކުގެ ތެރެއިން ރަޖިސްޓްރީ ކުރަން ނުޖެހެނީ އަމިއްލަ ގޭގައި ނުވަތަ އެއްތަނުން އަނެއްތަނަށް ގޮސް މުދާ ވިއްކާ ވިޔަފާރިއާއި އަމިއްލަ ގޭގައި ނުވަތަ އެއްތަނުން އަނެއްތަނަށް ގޮސް ފަންނީ ހިދުމަތެއް ނުވަތަ އެނޫން ވެސް ހިދުމަތް ދިނުމާއި ދިރޭ ޖަނަވާރާއި ދޫނިސޫފާސޫފި ގެންގުޅުމުގެ ވިޔަފާރިއާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވިޔަފާރި އެވެ.