ރާއްޖޭގައި އެ އިރެއްގައި އޮންނަ ސަރުކާރު ގަބޫލު ނުކުރާ ކަމަށް ކައުންސިލަކުން ކަނޑައަޅައިފި ނަމަ، އެ ނިންމުން ނިންމި ވަގުތުން ފެށިގެން އެ ކައުންސިލެއް އުވައިލެވޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުން އެ ބިލް ބޭރުކޮށްލާފައިވަނީ މަޖިލީހުގެ 30 މެންބަރުން ވޯޓުންނެވެ. އެ ބިލް ބަލައިގަތުމަށް 13 މެންބަރުން ވޯޓު ދެއްވައިފައިވެއެވެ.

ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތައް އުވާލެވޭ ސަބަބުތައް ބަޔާން ކުރާ 66 ވަނަ މާއްދާއަށް ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވައިފައިވާ އިސްލާހުގައި ބުނަނީ އެއްވެސް ކައުންސިލަކުން އެ އިރެއްގައި އޮންނަ ސަރުކާރު ގަބޫލު ނުކުރާ ކަމަށް ބުނެ، ނުވަތަ ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށް ކައުންސިލަކުން އަމިއްލައަށް ކަނޑައަޅައިފި ނަމަ އެ ކަނޑައެޅުމެއް ކަނޑައަޅާ ވަގުތުން ފެށިގެން އެ ކައުންސިލެއް އުވުނީ ކަމަށެވެ.

އެ އިސްލާހުގެ ބިލުގައި ހަތަރު މާއްދާއަކަށް ނުވަ އިސްލާހު ހުށަހަޅުއްވައިފައިވެއެވެ. އެގޮތުން ސިޓީ ކައުންސިލްތަކުގެ ބާރުތައް ކަނޑައަޅައިފައިވާ 41 ވަނަ މާއްދާގައި އަމިއްލަ އިހްތިޔާރުގައި ސީޓީ ކައުންސިލްތަކުން ކުރާން ބާރު ދީފައިވާ ކަންތައްތައް ސަރުކާރުން ކަނޑައަޅާ ގޮތަކަށް ކުރުމަށް އިސްލާހު ހުށަހަޅުއްވައިފައިވެއެވެ.

ލާމަރުކަޒީ ގާނޫނީ 41 (ކ) އަށް ހުށަހަޅުއްވައިފައިވާ އިސްލާހުގައި ބުނަނީ ބިންބިމާއި ފަރުފަރާއި ފަޅުތައް ކައުންސިލްތަކާ ހަވާލު ކުރާނީ ސަރުކާރުން ކަމަށެވެ. އަދި ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން އެ ތަންތަން ބަޔަކަށް ކުއްޔަށް ދެވިދާނެ ކަމަށެވެ. އަދި މީހުން ދިރިއުޅުމަށް ސަރުކާރުން ހަވާލު ކުރާ ޕޮރުގްރާމްތައް ހިންގައި ބަލަހައްޓާނީ ވެސް ސަރުކާރުން އަންގާ ގޮތެއްގެ މަތިން ކަމަށް އިސްލާހުގައިވެއެވެ.