މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ކުޅުނު މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ ދެވަނަ ސެމީފައިނަލްގައި މަޖީދިއްޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލް ބައްދަލު ކުރި މެޗު ތިނެއް ސުމަކުން ދަރުމަވަންތަ ބަލިކޮށް މަޖީދިއްޔާ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ދެ ޓީމުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. އެހެން ނަމަވެސް ފަހު ހާފުގެ ކުޅުން ފެށިގެން ފުރަތަމަ ފަސް މިނިޓު ތެރޭގައި މަޖީދިއްޔާގެ އިބްރާހީމް ޝަވީން ވަނީ ޕެނަލްޓީއަކުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ މަޖީދިއްޔާ ކޮޅަށް އަނބުރައިލައިފައެވެ. މަޖީދިއްޔާއަށް ޕެނަލްޓީ ލިބުނީ އެ ޓީމުގެ ކުޅުންތެރިޔަކު ބޯޅަހިފައިގެން ދަރުމަވަންތައިގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެގެން ދާން އުޅެނިކޮށް އޭނާއަށް ދަރުމަވަންތައިގެ ޑިފެންޑަރަކު ފައުލް ކުރުމާ ގުޅިގެންނެވެ.

ފަހު ހާފުގައި މަޖީދިއްޔާއިން ލަނޑު ކާމިޔާބު ކުރުމާ އެކު ދަރުމަވަންތައިން ވަނީ މުޅި ޓީމު ކުރިއަށް ޖެހިގެން ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް މެޗު ކޮންޓްރޯލް ކުރަމުން ދިޔަ މަޖީދިއްޔާގެ ޑިފެންސްލައިން ފޫ އަޅުވައިލައިފައި ވަދެވޭ ގޮތެއް ނުވިއެވެ. މަޖީދިއްޔާގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ކާމިޔާބުކޮށްފައި ވަނީ ފަހު ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓު ތެރޭގައެވެ. އެގޮތުން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކޮށް ދިނީ ޔާފިއު މުހައްމަދުއެވެ. އަދި އޭގެ މިނިޓެއް ފަހުން ދެވަނަ ލަނޑު ކާމިޔާބު ކޮށް ދިނީ ފުރަތަމަ ލަނޑު ކާމިޔާބު ކޮށް ދިން އިބްރާހީމް ޝަވީންއެވެ.

އަންނަ މަހުގެ ތިންވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައި ވާ ފައިނަލް މެޗުގައި މަޖީދިއްޔާ ސްކޫލް ވާދަކުރާނީ މިއަދު ކުޅުނު އެމުބާރާތުގެ ފުރަތަމަ ސެމީފައިނަލުން މޮޅުވި ތާޖުއްދީން ސްކޫލްގެ 15 އަހަރުން ދަށުގެ ޓީމާއެވެ.