26 Mar 2013, 12:24
ޖަސްޓިސް ބިލްޑިންގްގެ ބޭރުގައި ފޮޓޯ ނަގަމުން ދިޔަ ސަން އޮންލައިންގެ ނޫސްވެރިއަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
ކޯޓް ހަބަރުތައް ކަވާކުރާ ސަންގެ ނޫސްވެރިޔާ އަހުމަދު އާޒިފު މިއަދު ހައްޔަރުކޮށްފައި ވަނީ އޭނާ ޖަސްޓިސް ބިލްޑިންގެ ބޭރުގައި ފޮޓޯ ނަގަމުން ދަނިކޮށް ފާސް ކަރުގައި އަޅައިގެން ނޫނީ ފޮޓޯ ނުނެގުމަށް ފުލުހުން އެނގުމުން އާޒިފު އެކަމަށް އިންކާރު ކުރުމުންނެވެ. ނަމަވެސް އާޒިފު ވަނީ އޭނާގެ ފާސް ފުލުހުންނަށް ދައްކައި އޭނާއަކީ ނޫސްވެރިއެއްކަން ސާބިތުކޮށްދީފަ އެވެ.
ޖަސްޓިސް ބިލްޑިންގެ ބޭރު ސަރަހައްދަކީ ފޮޓޯ ނެގުން މަނާ ސަރަހައްދަކަށް ވެސް ނުވާ އިރު އެކަމުގައި އާޒިފަށް އިންޒާރުތައް ދިނުމަށް ފަހު އެ އިންޒާރަށް އާޒިފު ތަބާ ނުވުމުން ހައްޔަރުކޮށް، ގަލޮޅު ވިލީ ފުލުހަށް ގެންދިއުމަށް ފަހު ދޫކޮށްލި އިރު އޭނާ ލައްވާ ސޮއިކުރުވި، ދޫކޮށްލި ކަމުގެ ލިއުމުގައި ވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ބުނެފަ އެވެ.
ޖަސްޓިސް ބިލްޑިންގެ ބޭރުގައި މިއަދު ތިބި ނޫސްވެރިންގެ ތެރެއިން ފާސް އެޅުމަށް ފުލުހުން އަންގާފައި ވަނީ ހަމަ އެކަނި އާޒިފަށެވެ.
ސަންގެ ނޫސްވެރިޔާ ފުލުހުން ހައްޔަރުކުރީ ކޮން ހައިސިއްޔަތަކުން ކަން ބުނުމަށް ފުލުހުން ވަނީ ފަސްޖެހިފަ އެވެ.