26 Mar 2013, 12:17
މިހާރު ކުރިއަށްގެންދާ މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ އުމުރު ފުރައިގެ ސެމީފައިނަލުގައި ކ. އަތޮޅު މަދަރުސާ ދެ ލަނޑު އެއްލަނޑުން ބަލިކޮށް ތާޖުއްދީން ސްކޫލް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.
މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގައި ތާޖުއްދީނު ސްކޫލަށް ކާފު އަތޮޅު މަދަރުސާ ޓީމުގެ ގޯލް ހުޅުވައިލައި ދިނީ ފުރަތަމަ ހާފުގެ ފުރަތަ ކޮޅުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން މުހައްމަދު ނިހާލު އެވެ. އެހެން ނަމަވެސް ވަރުގަދައަށް ކުޅެމުން ދިޔަ ކާށިދޫ ގައި ހުންނަ އަތޮޅުމަދަރުސާގެ ޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ޓީމަށް ލަނޑު ކާމިޔާބު ކޮށް ދިނީ މުޅި މުބާރާތުގައި ވެސް ފާހަގަ ކޮށް ލެވޭ ކުޅުމެއް ދެއްކި އަދި މުބާރާތުގައި ގިނަ ލަނޑުތަކެއް ކާމިޔާބު ކުރި އަޙްމަދު މަޖީދު އެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ދެ ޓީމުން ވެސް ފޯރިގަދަ ކުޅުމެއް ދެއްކި މެޗުގެ ނަތީޖާ ނެރުނު ލަނޑު ތާޖުއްދީން ސްކޫލަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ މުހައްމަދު ވަހީދު އެވެ.
މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ ފައިނަލުގައި ތާޖުއްދީން ސްކޫލާ ވާދަ ކުރާނީ ސެމީފައިނަލުގެ ދެވަނަ މެޗުން މޮޅުވި މަޖީދިއްޔާ ސްކޫލާއެވެ. ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު ތިންވަނަ ދުވަހުއެވެ.