ޒުވާނުންގެ ދުޅަހެޔޮ ޞިއްޙަތަށާއި، ކުޅިވަރުގެ ދާއިރާއިން އިތުރު ފުރުޞަތުތަކެއް ތަނަވަސްކޮށްދިނުމުގެ ނިޔަތުގައި "ޔުނިޓީ ތުރޫ ފުޓްސަލް" ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ހަދާ ދެވަނަ ފުޓްސަލް ދަނޑުގެ ހެދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ކޯ އޮފް އިންޖިނިއަސްއިން ފަށައިފި އެވެ.

ސިނަމާލެ ފުލެޓް ބަރި ކައިރީގައި އޮންނަ ހުސްބިމުގައި ހަދާ މި ފުޓްސަލް ދަނޑަކީ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްއާއި އެސްޓީއޯއާއި، އެމްއެންޑީއެފްއާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ހަދަމުންދާ ފުޓްސަލް ދަނޑެކެވެ.

ބައިނަލްއަޤްވާމީ ފެންވަރަށް ހަދާ މިދަނޑުގެ ޢަމަލީ މަސައްކަތް ކުރަމުންދަނީ އެމްއެންޑީއެފްއާއި މޯލްޑިވްސް ޕޮލިސް ސާރވިސްއިންނެވެ. މިގޮތުން މިހާރު ކުރަމުންދަނީ ވަށާ ފެންސްޖެހުމުގެ މަސައްކަތަށް ތައްޔާރު ވުމުގެ ގޮތުން ފާރު ކެނޑުމުގެ މަސައްކަތާއި ގޯލް ޕޯސްޓާއި ބެންޗް ހެދުމުގެ މަސައްކަތެވެ. އަދި ފުޓްސަލްދަނޑު ހަދާ ބިމަކީ ތިރި ބިމަކަށްވުމާއެކު އެތަނަށް ފަސް އަޅާ ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް މިމަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ އެމްއެންޑީއެފް ކޯ އޮފް އިންޖިނިއަސްއިން މައުލޫމާތު ދެއްވައެވެ.

ރާއްޖޭގެ ޒުވާނުންގެ މެދުގައި އެންމެ ފޯރިއާއެކު ކުރިއަރަމުން އަންނަ ފުޓްސަލް، ޤައުމީ ފެންވަރުގައި ތަރައްގީކޮށް ފުޓްސަލްގެ ހުނަރުވެރިންތަކެއް ބިނާކުރުމުގެ މަގްސަދުގައި އެސްޓީއޯ އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ޔޫތު މިނިސްޓްރީއާއި އެމްއެންޑީއެފް އަދި މޯލްޑިވްސް ޕޮލިސް ސާރވިސް އިން ގުޅިގެން ހިންގާ މި މަޝްރޫޢު ގައި އެފަރާތްތަކުން އެމްއޯޔޫއެއްގައި ސޮއިކުރައްވާފައިވަނީ 2012 މާޗް މަހުގެ 25 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ހަތް ސަރަހައްދެއްގައި ހަތްފުޓްސަލް ދަނޑެއް ބިނާކުރުމަށް އެއްބަސްވެފައިވާއިރު، ބައިނަލް އަގްވާމީ ފެންވަރަށް ހެދުނު ފުރަތަމަ ދަނޑު ހަދާފައިވަނީ ހުޅުމާލޭގައެވެ. މިގޮތުން މި ފުޓްސަލް ދަނޑު ނިންމާ ރަސްމީކޮށް ހުޅުވާދެއްވާފައިވަނީ 2012 މާރޗް މަހުގެ 9 ވަނަ ދުވަހު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު މުހައްމަދު ވަހީދުއްދީން އެވެ.