ޕޯސްޓު މެދުވެރިކޮށް އެއްރަށުން އަނެއް ރަށަށް ކާގޯ ފޮނުވުމުގެ ހިދުމަތް ޕޯސްޓް އޮފީހުން މިއަދު ތައާރަފް ކޮށްފި އެވެ. ޕޯސްޓް އޮފީހުގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ  ހިދުމަތް އިފްތިދާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ.


ޕޯސްޓް އޮފީހުގެ ހިދުމަތް ފުޅާކުރަމުން ގެންދިއުމަކީ އެ އޮފީހުގެ އަމާޒެއް ކަމަށް މޯލްޑިވިސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓަރު ޝާޒްނީ ޝަޕީޤް ވިދާޅުވި އެވެ.


"ޕޯސްޓުގެ ހިތުމަތަކީ ހަމައެކަނި ސިޓީ ބިޓީ ބަދަލުކުރުމަށް ދެވޭނެ ހިދުމަތަކަށްވެގެން ފަރުޖައްސާލައިގެން ތިބެވެން ނެތްކަން މިހާރު މި ވަނީ ސާބިތުވެފައި." ޝާޒްނީ ވިދާޅުވި އެވެ.


ޕޯސްޓުގެ ހިދުމަތް ޒަމާނީކުރުމަށް ޕޯސްޓް އޮފީހުން ތަފާތު އެތައް މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމުގައި އޭނާ ވިދާޅުވި އެވެ. މި އަހަރު ޕޯސްޓުން އަލަށް ހުޅުވާލެވުނު ހިދުމަތްތަކުގެ ތެރޭގައި ވަތަނިއްޔާ އަދި ދިރާގުގެ ބިލު ޕޯސްޓު މެދުވެރިކޮށް ދެއްކުން ހިމެނޭކަން ޝާޒްނީ ފާހަގަ ކުރެއްވި އެވެ.


"އަޅުގަނޑުމެންގެ އަމާޒަކީ ކަރަންޓު އަދި ފެންނުގެ ބިލު ވެސް ދެއްކޭނެ ގޮތެއް އަވަސް މުއްދަތެއްގެ ތެރޭގައި ޤާއިމް ކުރުން،" އޭނާ ވިދާޅުވި އެވެ.


ޕޯސްޓަލް ބޭންކުގެ ހިތުމަތް ޤާއިމް ކުރުމަށް ވެސް މަސައްކަތްތަކެއް ކުރައްވާ ކަމަށް ޝާޒްނީ ވިދާޅުވި އެވެ. ޕޯސްޓަލް ބޭންކުގެ ހިދުމަތުގައި މޯލްޑިވިސް ޕޯސްޓާ އެކު ޖޮއިންޓް ވެންޗާ އުސޫލުން ސިރީލަންކާގެ ބޭންކަކުން ޝައުގެވެރިކަން ފާޅުކޮށްފައިވާތީ އެ ބޭންކާ އެކު ވެސް ވާހަކަ ދެކެވެމުން އަންނަ ކަމަށް ޝާޒްނީ ވިދާޅުވި އެވެ.


ޕޯސްޓުގެ ހިދުމަތް ދުނިޔޭގައި ރަސްމީކޮށް ފެށުނުތާ 130 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަދި ރާއްޖޭގައި ޕޯސްޓުގެ ހިދުމަތް ފެށިތާ 104 އަހަރު ވަނީ ފުރިފައި އެވެ.