ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން ރަށު ކައުންސިލްތަކުގެ ގޮނޑިއަށް ވާދަކުރާ މީހުންގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ލާޒިމް ކުރާ ޝަރުތުތައް ދެ ގާނޫނަކުން އުނިކުރުމަށް ފަހު، އިންތިހާބުތަކަށް ކުރިމަތިލާ މީހުންގެ ޝަރުތު ލުއި ކުރުމަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

އިންތިހާބުތަކާ ބެހޭ ގާނޫނަށް މިއަދު އިސްލާހު ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ.

އާމިރު ވިދާޅުވީ އެ އިސްލާހަކީ އިންތިހާބުތަކަށް ކުރިމަތިލާ މީހުންގެ ޝަރުތު ލުއި ކުރުމަށް ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ. އެ އިސްލާހު ހުށަހެޅުއްވި މަގުސަދެއް ކަމަށް އާމިރު ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ ގާނޫނުތައް ބުނާ ގޮތުން "މާކުރީ ޒަމާނެއްގައި" ކުރި ކުޑަ ކުށެއްގެ ސަބަބުން ވެސް އިންތިހާބުތަކަށް ކުރިމަތި ނުލެވޭ ކަމަށެވެ. އަދި މަސްތުވާތަކެެތި ކުރިން ބޭނުން ކުރުމަށް ފަހު އިސްލާހުވެފައިވާ މީހުންނަށް މުޖުތަމައުއިން ޖާގަ ދޭންޖެހޭނެ ކަމަށާއި އެ މީހުންނަށް ވެސް އިންތިހާބުތަކުގައި ވާދަކުރެވެން ޖެހޭ ގޮތަށް އިސްލާހު ހުށަހަޅުއްވާފައިވާނެ ކަމަށް އާމިރު ވިދާޅުވި އެވެ.

އިންތިހާބުތަކާ ބެހޭ ގާނޫނުން 15 ވަނަ މާއްދާއަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނަނީ 10،000ރ. އަށް ވުރެ މަތީ އަދަދެއްގެ ފައިސާ ހިމެނޭ ހިޔާނާތުގެ ކުށެއް ކުރިކަން ސާބިތުވެފައި ނުވާ ނަމަ އެ މީހަކަށް އެ މީހަކަށް އިންތިހާބުތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި އިންތިހާބަކަށް އެ މީހަކަށް ކުރިމަތިލެވޭނީ އެފަދަ ހުކުމަކަށް ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ 10 އަހަރުވެފައިވާނަމަ އެވެ.

މަސްތުވާތަކެތި ބޭނުންކޮށްފައިވާ މީހަކަށް ކުރި ހުކުމް ތަންފީޒުކޮށް ނިމުނުތާ 10 އަހަރު ފަހުން ވެސް އެ މަގާމަށް އޭނާއަށް ކުރިމަތިލެވޭނެ ކަމަށް ވެސް އާމިރު ހުށަހެޅުއްވި އިސްލާހުގައި ބުނެ އެވެ. ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށެއް ސާބިތުވެފައިވާ ނަމަ އިންތިހާބަކަށް ކުރިމައްޗަށް ނުލެވޭނެ އެވެ.

ނަމަވެސް ދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއްކޮށްފައި ވުމާއި ޓެރަރިޒަމްގެ ކުށެއް ސާބިތުވެ، ސާބިތު ދަރަންޏެއް އޮތް ނަމަ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއް ނަމަ އެ މީހަކަށް އިންތިހާބަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން ރަށު ކައުންސިލްތަކުގެ ގޮނޑިއަށް ވާދަކުރާ މީހުންގެ ކިބައިގައި ހުންނަން ޖެހޭނެ ޝަރުތުތައް ބާތިލް ކުރުމަށް އިސްލާހު ހުށަހަޅާފައިވެ އެވެ. އެގޮތުން އެ ގާނޫނުގެ 15 ވަނަ މާއްދާއާއި 28 މާއްދާގެ އިތުރުން 44 މާއްދާ އުނިކުރުމަށް ހުށަހަޅާފައިވެ އެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާ ވެސް އުނިކުރުމަށް ހުށަހަޅުއްވައިފައި ވެއެވެ.