26 Mar 2013, 11:36
ބަރުމާގެ ބައިމަދު މުސްލިމް އާބާދީ އާއި އެ ގައުމުގެ ބައިގިނަ ބުޑިސްޓް އާބާދީއާ ދެމެދު މިދިޔަ އަހަރުން ފެށިގެން ހިނގަމުން އައި ކަތިލުންތަކުގައި މަރު ވި މީހުންގެ އަދަދު ރަސްމީކޮށް ބެލިފައެއް ނުވެއެވެ.
އެކަން އެހެން ވީ ބުޑިސްޓުންގެ ބާރުގަދަ ބަރުމާގެ އަސްކަރީ ވެރިކަމުގެ ފަރާތުން އެ ކަމަށް އަޅައި ނުލީމައެވެ. އަޅައިލީ ފަހަރަކު ވެސް ކުރިހާ ވެސް ކަމަކީ ބުޑިސްޓުންނާ އެކު މުސްލިމުންނަށް އަނިޔާވެރި ވުން ކަމަށް ބަރުމާގެ މުސްލިމް އާބާދީން ތުހުމަތު ކުރެއެވެ.
ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން ވެސް ނުލިބި ހިނގައި ދިޔަ އެ ހާދިސާތަކަށް ފަހު ހިމޭން ދުވަސްކޮޅެއް އައި ނަމަވެސް މުސްލިމުންނާއި ބުޑިސްޓުންގެ ނަސްލީ ތަޅާފޮޅުން އަލުން އާވީ މިމަހުގެ 20 ވީ ބުދަ ދުވަހު، އެ ގައުމުގެ އުތުރުގެ ޝަހަރެއް ކަމަށްވާ މެއިކްތިލާގައި ހިނގައި ދިޔަ ހަމަނުޖެހުމަކާ ގުޅިގެންނެވެ.
މެއިކްތިލާގެ ރަން ވިއްކާ ފިހާރައެއްގައި އިން މުސްލިމް ސޭޓަކާއި ބުޑިސްޓް ކަސްޓަމަރަކާ ދެމެދު ހިނގި ޒުވާބަކުން ފެށުނު އެހަމަނުޖެހުންތަކުގައި އެރަށުގެ އެތައް ފިހާރައަކާއި ގެއެއް އަންދައި އަޅިއަށް ހަދައިފައި ވާ އިރު ގިނަ ބަޔަކު މަރު ވި ކަމަށް ދެ ފަރާތުން ވެސް ވަނީ ބުނެފައެވެ.
އިނގިރޭސިވިލާތުގެ ދަ ގާޑިއަން ނޫހުން ހުކުރު ދުވަހު ބުނީ ތިން ދުވަހަށް ދެމިގެން ދިޔަ ހަމަނުޖެހުންތަކުގައި އެތައް ބަޔަކު މަރު ވެ، އެތައް ބަޔަކު ޒަހަމް ވެ، އެތައް ބަޔަކު ގެދޮރު ދޫކޮށް ދިޔަ ފަހުން ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ބަރުމާ ސަރުކާރުން އެ ރަށުގައި ކުއްލި ހާލަތު އިއުލާން ކޮށްފައި ވާ ކަމަށެވެ.
ބަރުމާގެ ވެރިރަށް ރަންގޫންގެ އުތުރުން 360 މޭލު އުތުރުގައި ވާ އެރަށުގައި ހަމަނުޖެހުން ފެށުނު ސަބަބެއް ކަމަށް ދަ ގާޑިއަން އިން ބުނީ މުސްލިމް ސޭޓާއި ބުޑިސްޓް ކަސްޓަމަރުގެ ޒުވާބު މަގުމަތީ ތަޅައިފޮޅުމަކަށް ބަދަލުވެ، އެކަމުގެ ތެރޭގައި ބުޑިސްޓް ހާމުދުރަކު މަރުވުމެވެ. އަދި އެ ހާދިސާގެ ފޮޓޯތަކާއި ވީޑިއޯތައް އިންޓަނެޓްގައި އާއްމު ވުމާ އެކު ކަނޑިއާއި ލަޓިބުރިތައް ހިފައިގެން ނުކުމެ، ބޮޑު ތަޅާފޮޅުމެއް ހިންގައި، އެއަށް ފަހު ވެހިކަލްތަކާއި ފިހާރަތަކާއި ގެތަކުގައި ހުޅުޖެހީ އެވެ.
ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު ރަސްމީކޮށް ކަށަވަރު ކުރެވިފައި ނުވާ އިރު ގާޑިއަންއަށް މައުލޫމާތު ދެމުން ބުޑިސްޓުންގެ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ ޕާޓީން ބުނެފައި ވަނީ ހާމުދުރު ހިމެނޭ ގޮތުން 20 މީހުން މަރުވި ކަމަށެވެ. އަދި މުސްލިމުންގެ އިސްލާމިކް ރިލިޖަސް އެފެއާޒް ކައުންސިލުން ބުނެފައި ވަނީ ސޭޓުންނާއި ޓީޗަރުންނާއި ދަރިވަރުން ހިމެނޭ ގޮތުން 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.
ރޮއިޓާސް ބުނި ގޮތުގައި ގެދޮރު ދޫ ކޮށް ދިޔަ 2000 އަށް ވުރެ ގިނަ މީހުންނަށްޓަކައި ކޭމްޕްތައް ވަނީ ގާއިމް ކޮށްފައެވެ.
މެއިކްތިލާގެ ހަމަނުޖެހުމަކީ ބަރުމާގެ ހުޅަނގުގައި، ބަންގްލަދޭޝްއާ ގުޅޭ ސަރަހައްދީ ރޮނގުގައި ވާ ރާކިން ސްޓޭޓްގެ ރޮހިންގިޔާ މުސްލިމުންނާ ދެކޮޅަށް ބުޑިސްޓުން ހިންގި ކަތިލުންތަކުގެ ތަކުރާރު ވުމަކަށް ވެދާނެ ތީ ބަރުމާގެ މުސްލިމުން މިހާރު ތިބީ ބިރުންނެވެ.
މިދިޔަ އަހަރުގެ ޖޫންމަހާއި އޮކްޓޯބަރު މަހު ހިންގި އެ ކަތިލުންތަކުގައި އެތައް ސަތޭކަ މުސްލިމުންނެއް މަރުވި އިރު 120،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުނެވެ.