26 Mar 2013, 11:34
ވޯލްޑްކަޕް 2014 ގެ ކޮލިފައިންގައި މިރޭ ފްރާންސްއާ ދެކޮޅަށް ނުކުންނައިރު ސްޕެއިން ގައުމީ ޓީމް އޮތީ ހާސްކަމެއްގެ ތެރޭގައި ނޫންކަމަށް އެޓީމުގެ ކޯޗް ވިސެންޓޭ ޑެލް ބޮސްކޭ ބުނެފި އެވެ.
ފްރާންސް ގައުމީ ޓީމާ ދެކޮޅަށް އެންމެ ފުރަތަމަ ސްޕެއިން ނުކުތް މެޗު ނިމިގެން ދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. އަދި އެންމެ ފަހުން ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗުން ސްޕެއިން އެއްވަރުވުމުގެ ސަބަބުން ސްޕެއިންއަކީ ދުނިޔޭގެ އެއްވަނަ ޓީމްގެ ގޮތުގައި ބެލެވޭން ނެތްކަމުގެ ވާހަކަތަކެއް ވެސް ގިނަބަޔަކު ދައްކަމުންދެއެވެ.
"އަހަރެމެން ހާހެއް ނުވޭ. ފަހު ދެ މެޗަށް ބެލާނަމަ، މީހުންނަށް އެހެން ބުނެވިދާނެ. މެޗުގައި މޮޅު ކުޅުމެއް ދައްކާ މެޗުން ލަނޑުތަކެއް ނުޖެހުމުން މީހުން ސުވާލުތަކެއް އުފައްދަފާނެ. ނަމަވެސް އަހަރެމެން މި ކަމާ މެދު މާ ބޮޑަށް ވިސްނާކަށް ނުޖެހޭނެ. އަހަރެމެން ޖެހޭނީ ދަނޑުމަތީގައި ރަނގަޅު ކުޅުމެއް ދައްކައި މޮޅުވުމަށް ކުރެވޭން ހުރި މަސައްކަތެއް ކުރާން." އުމުރުން 62 އަހަރުގެ ކޯޗް ޑެލް ބޮސްކޭ ބުންޏެވެ.
މިރޭ ސްޕެއިންއާ ދެކޮޅަށް ނުކުންނަ ފްރާންސް ޓީމާ ބެހޭ ގޮތުން ވެސް ޑެލް ބޮސްކޭ ވާހަކަ ދެއްކިއެވެ. "ފްރާންސް ޓީމުގައި ފަޅިން ކުޅެވޭނެ މޮޅެތި ކުޅުންތެރިން އެބަތިބި. ކަރިމް ބެންޒެމާ، ފްރޭންކް ރިބަރީ، ޔޯހާން ކަބާޔޭ އަދި މެތިއު ވަލްބުއެނާ އަކީ ފްރާންސްގައި ހިމެނޭ މޮޅުތި ކުޅުންތެރިންތަކެއް. އަހަރެމެންނަށް ކުރިން ވެސް އެނގޭ ފްރާންސް އަކީ އުނދަގޫ ވާދަވެރިއެއް ކަން." ޑެލް ބޮސްކޭ ބުންޏެވެ.
ދެމެޗުން އެއްވަރުވުމާ ގުޅިގެން އެންމެ ފަހުގެ ވޯލްޑްކަޕް އަދި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން އޮތީ ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕް ނުވައެއްގެ ދެވަނައިގައެވެ. އަށް ޕޮއިންޓާ އެކުއެވެ. ނަމަވެސް އެއްވަނައިގައި އޮތް ފްރާންސް އަތުން މި ރޭގެ މެޗުން މޮޅު ވެއްޖެ ނަމަ، ސްޕެއިންއަށް ގްރޫޕްގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ. ފްރާންސްގެ ސްޓޭޑޭ ޑި ފްރާންސް ސްޓޭޑިއަމްގައި ފްރާންސް އާއި ސްޕެއިން ބައްދަލުކުރާ މެޗު ފަށާން ހަމަޖެހިފައިވަނީ ރާއްޖެގަޑިން މިރޭ 01:00 ގައެވެ.